ވަގުފް އިމާރާތުގެ މަސައްކަތްތައް ހިނގާ ނުހިނގާ ގޮތް ބެލުމަށް އިސްލާމިކް ޑިވެލޮޕްމަންޓު ބޭންކް (އައިޑީބީ)ގެ ވަފުދެއް ރާއްޖެ އަތުވެއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބުރާހިމް އަހުމަދު މިއަދު "ސަން" އަށް ވިދާޅުވީ އައިޑީބީގެ ވަފުދު ރާއްޖޭގައި ހަތަރު ދުވަސް ހޭދަ ކުރައްވާނެ ކަމަށެވެ. އަދި މައިގަނޑު ގޮތެއްގައި އެ ފަރާތްތައް މަސައްކަތް ކުރައްވާނީ ވަގުފްގެ މަސައްކަތް ހިނގާ ނުހިނގާ ގޮތް ބެލަމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާލޭގެ އިތުރުން އައްޑު އަތޮޅުގައި އެޅުމަށް ހަމަޖެހިފައިވާ ވަގުފް އިމާރާތުގެ މަސައްކަތްތައް ހިނގާ ނުހިނގާ ގޮތް ބެލުމަށް، އައްޑުއަށް އެ ވަފުދު ދާނެ ކަމަށެވެ. އަދި ވިދާޅުވީ އެކަންކަން ބެލުމަށް ފަހު ރިޕޯޓެއް އެކުލަވާލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އައްޑޫގައި އެބޭފުޅުން ތިއްބެވުމަށް ފަހު ވަގުތު އޮތިއްޔާ ފުވައްމުލަކުގައި ވެސް އަޅުގަނޑުމެން ވަގުފް އިމާރާތެއް އެބަ އަޅަމު. އެހެންވީމާ އެތަނުގެ މަސައްކަތް ހިނގާ ނުހިނގާ ގޮތް ބެލުމަށް އެ ރަށަށް ވެސް ވަޑައިގަންނަވާނެ ވަގުތު އޮތް މިންވަރަކުން. ދެން މިދަންނަވާ ރިޕޯޓު އެބޭފުޅުން އެކުލަވާ ލަނީ ވަގުފުގެ މަސައްކަތްތަކަށް އެހީތެރިވެދިނުމަށް." އިބުރާހިމް ވިދާޅުވި އެވެ.

"ދާރުލް އިމާން"ގެ ނަމުގައި މާލޭގައި އަޅާ ވަގުފު އިމާރާތް ކުރުމަށް ހަމަޖައްސާފައި ވަނީ ރާވެރިޔާ ރެސްޓޯރަންޓް ހުންނަ ބިމާ ޖެހިގެން އުތުރަށް އޮންނަ ބިމުގަ އެވެ. އެ އިމާރާތް އެޅުމަށް 24.9 މިލިއަން ރުފިޔާ އަށް އިސްލާމިކް މިނިސްޓްރީން ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.

މާލޭގެ އިތުރުން އައްޑޫ އަދި ފުވައްމުލަކުގައި ވެސް ވަގުފް އިމާރާތް އެޅުމަށް އިސްލާމިކް މިނިސްޓުރީން ވަނީ ނިންމާފައި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ވަގުފު އިމާރާތަށް ކުވައިތު ސަރުކާރުން ދޭން ނިންމި ހަ މިލިއަން ދިވެހި ރުފިޔާ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ލިބިފައިވާ ކަމަށެވެ. އަދި އެ އިމާރާތަށް އަލްޖީރިއާގެ ވިޔަފާރިވެރިއަކު ވެސް ވަނީ 200،000 ޑޮލަރު ހަދިޔާކޮށްފަ އެވެ.