ޗައިނާގެ ޔާންގްޒީ ކޯރުގައި ދަތުރުކުރަމުން ދިޔަ ކްރޫޒް ބޯޓެއް ފެތި އެއިން ދަތުރުކުރި 450 މީހުން ގެއްލިއްޖެ އެވެ.

ޗައިނާ ސަރުކާރުގެ ޒިންހުއާ ނިއުސްއެޖެންސީން ބުނީ އެގައުމުގެ ހުބެއި ޕްރޮވިންސްގެ ތެރެއިން ޔާންގްޒީ ކޯރުގައި ދަތުރުކުރަމުން ދިޔަ އީސްޓާން ސްޓާ ނަމަކަށް ކިޔާ ބޯޓު ފެތުނީ ތޫފާނެއްގައި ޖެހިގެން ކަމަށެވެ. ފެތުނު އިރު ބޯޓުގައި ތިބީ ޖުމްލަ 458 މީހުން ކަމަށާއި ގެއްލުނު މީހުން ފެނޭތޯ ޗައިނާ ސިފައިން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެނޫހުން ބުންޏެވެ.

ފެތުނު ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން އަށް މީހުން ވަނީ ސަލާމަތް ކުރެވިފައިވެ އެވެ. އަދި އެކެއްގެ ހަށިގަނޑު ވަނީ ފެނިފަ އެވެ. ސަލާމަތްވީ މީހުންގެ ތެރޭގައި ބޯޓުގެ ކައްޕިތާނާއި ޗީފް އިންޖިނިއަރު ހިމެނެ އެވެ. އެ ދެ މީހުން ބުނެފައި ވަނީ ތޫފާނުގައި ޖެހުމާ އެކު ކުއްލިއަކަށް ބޯޓު ފެތުނީ ކަމަށެވެ.

ޗައިނާގެ ބޮޑުވަޒީރު ލީ ކެކިއާން މިހާރު ވަނީ ހާދިސާ ހިނގި ސަރަހައްދަށް ދަތުރުކުރައްވާފައި ކަމަށާއި މީހުން ހޯދުމުގެ މަސައްކަތްތައް ކުރިއަށް ދާނީ އޭނާގެ އިރުޝާދާ އެއްގޮތަށް ކަމަށް ވެސް ޒިންހުއާ ނިއުސް އިން ބުންޏެވެ.