02 Jun 2015, 09:33
ހަނޯއި (ޖޫން 2) : އޭޝިޔާގައި އެމެރިކާ އަދާކުރާ އަސްކަރީ މަރުކަޒީ ދައުރު އަދާކުރުމުގައި ކުރިޔަށްދާނެކަން އެމެރިކާ ހާމަކޮށްފި އެވެ.
ވިއެޓްނާމަށް ވަޑައިގެން އުޅުއްވާ އެމެރިކާގެ ދިފާއީ ވަޒީރު އޭޝްޓަން ކާޓަރު ވިދާޅުވީ ފާއިތުވި ފަސް ދޮޅަހަކަށް އަހަރުގެ ތެރޭގައި އޭޝިޔާއާއި އޭޝިޔާ ފެސިފިކްގައި އަސްކަރީ އެންމެ ބޮޑުދައުރެއް އަދާކޮށްފައި ވާނީ އެމެރިކާ ކަމަށާއި މުސްތަގްބަލްގައި ވެސް އެމެރިކާ އެދައުރު އަދާކުރަމުން ގެންދާނެ ކަމުގަ އެވެ.
"އޭޝިޔާއާއި އޭޝިޔާ ފެސިފިކްގައި އެމެރިކާ އަދާކުރަމުންދަނީ އަސްކަރީ މަރުކަޒީ ދައުރެއް. މުސްތަގްބަލްގައިވެސް އެދައުރު އެމެރިކާ އަދާކުރަމުން ގެންދާނެ." ހަނޯއިގައި ވާހަކަ ދައްކަވަމުން އެމެރިކާގެ ދިފާޢީ ވަޒީރު އޭޝްޓަން ކާޓަރު ވިދާޅުވި އެވެ.
ދެވަނަ ބޮޑުހަނގުރާމައިގާ ޖަޕާން ބަލިކުރުމަށް ފަހު އޭޝިޔާ އަށް އަސްކަރީ ގޮތުން އަތްގަދަކޮށްފައި ވަނީ އެމެރިކާ އެވެ. ނަމަވެސް ދެވަނަ ބޮޑުހަނގުރާމަ ނިމުނުތާ 60 އަހަރަށް ވުރެ ދިގު މުއްދަތެއް ހޭދަވެފައިވާ އިރު ދުނިޔޭގެ އަސްކަރީ އަދި އިގްތިސާދީ ބާރުގެ ތިލަފަތްތަކަށް އާދަޔާ ޚިލާފު ބަދަލުތަކެއް އައިސްފަ އެވެ. މިބަދަލުތަކާ އެކު ޢަސްކަރީ ޚަރަދުތައް ކުޑަކުރުމަށް އެމެރިކާއަށް މަޖްބޫރު ވެފައިވެ އެވެ. ޚާއްސަކޮށް ދުނިޔޭގެ އިގްތިސާދުގައި އެމެރިކާ ޙިއްސާ ކުރާމިންވަރު ފާއިތުވި ފަސްދޮޅަސް އަހަރު ތެރޭގައި 80 ޕަސެންޓުން 15 ޕަސެންޓަށް ދަށަށް ދިޔުމުގެ ސަބުންނާއި އިގްތިސާދީގޮތުން އެމެރިކާއާ ފައިހަމަ ކުރެވޭ ފަދަ ބޮޑުބާރަކަށް ޗައިނާ ވަމުން ދިޔުމުން ކުރިން ކުރަމުންގެން ދިޔަ އަސްކަރީ ޚަރަދުތައް ކުޑަކުރުމުގެ ޕްލޭނެއް އެމެރިކާ ވަނީ އެކަށައަޅައި ތަންފީޒުކުރަންފަށާފަ އެވެ.
މިޕްލޭންގެ ދަށުން އެމެރިކާ ގެންދަނީ ޔޫރަޕްގައިވާ އެމެރިކާގެ އަސްކަރީ ވުޖޫދު ކުޑަކޮށް އޭޝިޔާގައި އަދާކުރާ އަސްކަރީ ދައުރަށް އިތުރު ސަމާލުކަމެއް ދެމުންނެވެ. މިބަދަލުގެ ފަހަތުގައިވާ މައިގަނޑުސަބަބަކީ ޗައިނާގެ ކުރިއަރަމުންދާ އިގްތިސާދީ ބާރާއި އަސްކަރީ ބާރެވެ. ޗައިނާގެ އަސްކަރީ ބާރާ ކުރިމަތިލުމަށް ޓަކައި އޮސްޓްރޭލިޔާ ފަދަ ގައުމުތަކުން އެމެރިކާ ގެންދަނީ އަސްކަރީ ފަސޭހަތައް ހޯދައި އިތުރު އަސްކަރީ އިންފްރާސްޓްރަކްޗަރ ބިނާކުރަމުންނެވެ.
ވިއެޓްނާމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އޭޝްޓަން ކާޓަރު ވަނީ ވިއެޓްނާމްގެ ދިފާއީ ވަޒީރު ޖެނެރަލް ޕަންގް ގުއާންގް އާ ބައްދަލުކުރައްވާފަ އެވެ. އަދި މިދަތުރުފުޅުގައި ދެގައުމުގެ މަސްއޫލުވެރިން އަސްކަރީ އެއްބަސްވުންތަކެއްގައި ސޮއިވެސް ކުރައްވާފައިވެ އެވެ. (ރޮއިޓާސް)