އަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބުދުﷲއާ ދެކޮޅަށް އުފުލާ ޓެރަރިޒަމްގެ ދައުވާއަކީ ސިޔާސީ ދައުވާއެއް ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

އަދާލަތު ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ތުހުމަތުކޮށްފައި ވަނީ އެ ދައުވާ އުފުލަނީ އިދިކޮޅު ސިޔާސީ ފަރާތްތަކުގެ އަޑުކަނޑުވައިލުމަށް ކަމަށެވެ.

"...އަދާލަތު ޕާޓީގެ ރައީސް އައްޝައިޚު އިމްރާން ޢަބުދުﷲގެ މައްޗަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލުމަކީ ސަރުކާރު ޒިންމާދާރު ކުރުވުމަށް ޓަކައި ހިންގަމުންދާ އިދިކޮޅު ސިޔާސީ ހަރަކާތްތަކުގެ އަޑު ކަނޑުވާލާ، ސަރުކާރުން ބޭނުން ގޮތަކަށް ކަންތައްކުރުމަށް މަގުފަހިކުރުމުގެ ގޮތުން އުފަލާފައިވާ ސިޔާސީ ދައުވާއެއް ކަމާއި މެދަކު މިޕާޓީން ޝައްކެއް ނުކުރަމެވެ،" ބަޔާނުގައިވެ އެވެ.

އަދާލަތު ޕާޓީގެ ރައީސަކީ ދުވަހަކު ވެސް ޓެރަރިޒަމާއި ހަމަނުޖެހުމަށް ހިތްވަރު ދެއްވި ބޭފުޅެއް ނޫން ކަމަށާއި އޭނާއަކީ އަބަދު ވެސް ސުލްހަވެރިކަމަށާއި އެއްބައިވަންތަ ކަމަށް މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ. އިމްރާނުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ އަސްލު ބިނާކޮށްފައި ވަނީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާ އިން ކަށަވަރުކޮށްދީފައިވާ ހިޔާލުފާޅުކުރުގެ މިނިވަންކަމުގެ ބޭނުން ހިފި ހިފުމަށް ކަމަށް ބުނެފައިވެ އެވެ.

ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންގެ އަޑު ކަނޑުވައިލުމަށް ކަމަށް ތުހުމަތުކޮށް، އެފަދަ ކަންތައްތައް ހުއްޓައިލުމަށް ބަޔާނުގައި ސަރުކާރަށް ގޮވާލާފައިވެ އެވެ.

"...ވީމާ ސަރުކާރުގެ ފަރާތުން ހިންގާ މިފަދަ ކަންތައްތައް ހުއްޓާލާ ރައްޔިތުންނަށް ވައުދުވެފައިވާ ހެޔޮވެރިކަމެއް ގާއިމްކޮށް އިދިކޮޅު ސިޔާސީ ހަރަކާތްތަކަށް ޖާގަދީގެން ގައުއުމު ހިންގުމަށް މިފުރުސަތުގައި ގޮވައިލަމެވެ،" ބަޔާނުގައި ވެއެވެ.

އެމްޑީޕީ އިން ވެސް މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަދާލަތު ޕާޓީގެ ރައީސް ޝައިހު އިމްރާނާއި އަދި ޖޭޕީގެ ނާއިބު ލީޑަރު އަމީން އިބްރާހީމާއި އެ ޕާޓީގެ ފޮރިން ރިލޭޝަންސް އެގްޒެކެޓިވްގެ މައްޗަށް އުފުލާފައި ވަނީ ސިޔާސީ ދައުވާ ކަމަށެވެ. އަދި އެކަން ކުށްވެރި ކުރާ ކަމަށް ވެސް އެ ޕާޓީ އިން ބުންޏެވެ.