އަތްގާޑިޔާ ދަމާދަމާގޮސް ވަރުބަލިވެ، އިދިކޮޅު ފަރާތްތަކާ އެކު އުޅޭ މީހުން މަދުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު އަދީބު ވިދާޅުވެއްޖެ އެވެ.

މ. މުލީގައި އިއްޔެ ބޭއްވި، ޕީޕީއެމްގެ ފަރާތުން ދިއްގަރު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓު އަހްމަދު ފާރިސް މައުމޫންގެ ކެންޕޭން ޖަލްސާގައި އަދީބު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން މިހާރު އެވަނީ ގޮތްހުސްވެފައި ކަމަށާއި ޕީޕީއެމާއި ސަރުކާރު ދަނީ ކުރިއަށް ކަމަށެވެ.

"އެބޭފުޅުން ނުކުމެ މަގުމަތީގައި ހިނގައި ވަރުބަލިވެ، އަތްގާޑިޔާ ދަމައި މިހާރު މިވަނީ މީހުން މަދުވެ، ގާތްގަނޑަކަށް ގޮތްހުސްވެ ހަލާކުވެފައި. އެހެންނަމަވެސް އަޅުގަނޑުމެންގެ ޕާޓީ މިދަނީ ކުރިއަށް. އަޅުގަނޑުމެންގެ ސަރުކާރު މިދަނީ ކުރިއަށް. އިރާދަކުރެއްވިއްޔާ ވީހާވެސް ގިނަ ގުނަ މަސައްކަތްތަކެއް ކޮށް މި ފަސް އަހަރު ތެރޭ ވަރަށް ރަނގަޅު ނަތީޖާއެއް ރައީސް ޔާމީން ހޯއްދަވައިދެއްވާނެ ކަމުގެ ވަރަށް ފުރިހަމަ ޔަގީންކަން އަޅުގަނޑު އަރުވަން،" އަދީބު ވިދާޅުވި އެވެ.

އަދީބު ވިދާޅުވީ، ރައީސް ޔާމީން ވެރިކަން ކުރައްވަނީ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ ބޭނުން ހެޔޮގޮތުގައި ހިއްޕަވައިގެން ވަރަށް ވިސްނުންތެރިކަމާ އެކު ކަމަށެވެ. އަދި ރައީސްގެ އިރުޝާދުގެ ދަށުން ކަންތައްކުރަން އޭނާއަށް ވެސް ވަރަށް ފަސޭހަ ކަމަށް މިނިސްޓަރު އަދީބު ވިދާޅުވި އެވެ.

ރައީސް ޔާމީން މ. މުއްޔަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ---- ފޮޓޯ: ރައީސް އޮފީސް

އެ ޖަލްސާގައި އަދީބު ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވާފައެވެ.

އޭނާ ވިދާޅުވީ، ޓެކްސް ނުދައްކައި ގައުމުތަކަށް ގޮސް ފިއްލަވައިގެން އުޅުއްވާ ބޭފުޅުންނަކީ ރައްޔިތުންދެކެ ލޯބިވާ ބައެއް ނޫން ކަމަށެވެ.

"....ޓެކްސް ނުދައްކާ ގައުމުތަކަށް ފިލައިގެން އުޅޭބޭފުޅުންނާ އަދި ތަންތާ އުޅޭ ބޭފުޅުންނާ އެބޭފުޅުންނަކީ އެއްގޮތަކަށް ވެސް ރައްޔިތުންދެކެ ލޯބިވާ ބައެއް ނޫން. އެބޭފުޅުން އުޅެނީ ފިލައިގެން. އެހެންނޫނީ ކޮންމެވެސް އެއްޗެއް ކިޔައިގެން ކޮންމެވެސް ކަހަލަ ކަމެއް ކޮށްގެން. އަޅުގަނޑުމެން އެވާހަކަ ދައްކާކަށް ނެތިން އެވާހަކަތައް ދައްކާކަށް،" އަދީބު ވިދާޅުވި އެވެ.