މައިލޯ ވިމެންސް ފުޓްބޯލް ޗެމްޕިއަންޝިޕްގެ ފުރަތަމަ ބުރުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބު އަތުން 6-1 ތަފާތު ބޮޑު ނަތީޖާއަކުން ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) ބަލިވި ނަމަވެސް ދެ ވަނަ ބުރުގައި އެތަފާތު ޑީއެސްސީން ކުޑަކޮށްފި އެވެ.

މިރޭ އެފްއޭއެމްގެ އެއް ނަންބަރު ޓާފް ދަނޑުގައި ނިއުއާ ދެކޮޅަށް ޑީއެސްސީ ކުޅުނު މެޗުން އެޓީމު ބަލިވީ 2-1 ނަތީޖާއަކުންނެވެ.

މި މެޗްގައި ނިއުގެ ދެ ލަނޑުވެސް ކާމިޔާބުކުރީ، އިންޑިއާގެ ގައުމީ ޓީމްގެ ކެޕްޓަން ނޮގޮންގަމް ބަލަޑޭވީއެވެ.

ނޮގޮންގަމް ފުރަތަމަ ލަނޑު ކާމިޔާބުކުރީ މެޗް ފެށިގެން ހަތަރު ވަނަ މިނެޓްގައެވެ.

ޑީއެސްސީއަށް ކުޅޭ ބަނގުލަދޭޝްގެ ގައުމީ ޓީމްގެ ފޯވަޑް ސަބީނާ ކާތުން ވަނީ ފުރަތަމަހާފުގެ 29 ވަނަ މިނެޓްގައި ޑީއެސްސީއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ޑީއެސްސީއިން ނަތީޖާ ހަމަހަމަކުރިތާ ފަސް މިނެޓް ފަހުން ނޮގޮންގަމް ވަނީ އަލުން ނިއުއަށް ލިޑް ނާގަދީފައެވެ. މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީވެސް ނޮގޮންގަމްއެވެ.

މުބާރާތުގައި މިހާތަނަށް 10 މެޗް ކުޅެފައިވާއިރު ދެ ވަނަ ހާފުގައި ލަނޑެއް ނުޖެހި ކުޅުނު ފުރަތަމަ މެޗަކީ މިމެޗެވެ.

މި މެޗަށް ނުކުތް އިރުވެސް ނިއު އޮތީ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައެވެ. އަދި އެޓީމާ ދެކޮޅަށް ފައިނަލްގައި ކުޅޭނޭ ޓީމެއް އެނގޭނީ، ޑީއެސްސީއާ ސަން ޓީމުގެ ކުޅޭ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ.