01 Mar 2011, 12:11
ޓޫރިސްޓް ހިދުމަތް ދޭ ތަންތަނުންނާއި އެ ތަންތަނުން ވިއްކާ ތަކެތިން ނަގާ ޓީޖީއެސް ޓެކްސްގެ ގޮތުގައި ޖެނުއަރީ މަހު 7.2 މިލިޔަން ޑޮލަރު ލިބިފައިވާ ކަމަށް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިއަދު ބުނެފި އެވެ.
މީރާ އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނަނީ ޖެނުއަރީ މަހު ޓީޖީއެސްޓީ ގޮތުގައި ލިބުނު 7.2 މިލިޔަން ޑޮލަރަކީ އެ އޮތޯރިޓީން ކުރިން ލަފާކުރި އަދަދަށް ވުރެ ނު ޕަސެންޓް އިތުރު އަދަދެއް ކަމަށެވެ. އަދި ބުނީ އެއީ ކުރިން މިދިޔަ މަހު ލިބޭނެ ކަމަށް އެސްޓިމޭޓް ކުރި، 6.6 މިލިއަން ޑޮލަރަށް ވުރެ 0.6 މިލިއަން ޑޮލަރު އިތުރު އަދަދެއް ކަމަށެވެ.
ޓީޖީއެސްޓީ ދެއްކުމަށް މީރާގައި ރަޖިސްޓްރީކޮށްފައިވާ 871 ފަރާތުގެ ތެރެއިން ޖެނުއަރީ މަހުގެ ޓެކްސް ބަޔާން މީރާ އަށް ހުށަހަޅާފައި ވަނީ 796 ފަރާތުން ކަމަށް މީރާ އިން މިއަދު ބުންޏެވެ.
ސަރުކާރަށް މި އަހަރު ލިބޭ އާމްދަނީގެ 8،761.8 މިލިއަން ރުފިޔާގެ 59 ޕަސެންޓް ހިއްސާ ކުރަނީ ޓެކްސްގެ ގޮތުގައި ކަމަށް މީރާ އިން ލަފާކުރެ އެވެ.
ޑިރެކްޓާ ޖެނެރަލް ރެވެނިއު ސާވިސަސް ފަތުހުﷲ ޖަމީލް މިއަދު ވިދާޅުވީ ޖެނުއަރީ މަހުގެ ޓެކްސް ބަޔާން ހުށަނާޅާ 75 ފަރާތާ ގޫޅެ މައުލޫމާތު މިހާރު ސާފުކުރަމުން އަންނަ ކަމަށާއި އެފަރާތްތަކަކީ ވިޔަފާރިކޮށްގެން ފައިދާ ހޯދާ ފަރާތްތައް ކަމުގައިވާ ނަމަ ގަވާއިދާ އެއްގޮތަށް އެފަރާތްތަކާ ދޭތެރޭ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
"ބައެއް ފަރާތްތަކުން އެބައުޅުއްވާ ޓީޖީއެސްޓީއަކީ އަލަށް ނެގޭ އެއްޗަކަށް ވާތީ ވިޔަފާރިއެއް ނުކުރެއްވިޔަސް ރަޖިސްޓްރީ ކުރައްވާފައި. އެގޮތުން އަޅުގަނޑުމެން ބަލަމުން މި އަންނަނީ އެބޭފުޅުންނާ ގުޅޭ މައުލޫމާތު ފިޔަވަޅު އެޅުމުގެ ކުރިން،" ފަތުހުﷲ ވިދާޅުވި އެވެ.
ޓެކްސް ދެއްކުމުން އެކަހެރި ވުމާއި ޓެކްސްގެ ބަޔާން އޮޅުވާލުން ފަދަ ކަމެއް ކުރާ މީހެއްގެ އަދަބެއްގެ ގޮތުގައި ޖީއެސްޓީގެ ގާނޫނުގައި ކަނޑައަޅާފައި ވަނީ 100000 ރުފިޔާ އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުން ނުވަތަ ތިން މަސް ދުވަހާއި 18 މަސް ދުވަހާ ދެމެދު މުއްދަތަކަށް ގޭގައި ބަނދުކުރުން ނުވަތަ ޖަލަށް ލުމާއި ޖޫރިމަނާކުރުމާ އެކުގައި ގޭގައި ބަންދުކޮށް ޖަލަށް ލުމެވެ.
ޓެކްސް ދައްކާ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން މީރާ އިން ވަނީ މިދިޔަ މަހުގެ 26 ން 28 އަށް އެ އޮފީހުން ހިދުމަތްދޭ ގަޑިތައް އިތުރުކޮށްފަ އެވެ. މީރާ އިން އަންނަނީ ޓެކްސް ބަޔާން ތައްޔާރުކުރުމާއި ޓެކްސް ދެއްކުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.