ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން، ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް އަދާލަތުޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ހައްޔަރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މިއަދު ނެރެފައިވާ ކޯޓުއަމުރުގައި ބުނެފައި ވަނީ، މާދަމާ ރޭ 8:00 އަށް އިމްރާން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކުރާ ކަމަށެވެ.

"މަތީގައި ބަޔާންކޮށްފައިވާ މީހާގެ ޓެރަރިޒަމް ކުށުގެ މައްސަލައެއް މި ކޯޓަށް ހުށަހެޅިފައި ވާތީ، އޭނާ ބަންދުގައި ބަހައްޓައިގެން 2 ޖޫން 2015 ދުވަހުގެ 20:00 އަށް މި ކޯޓަށް ހާޒިރުކުރުމަށް މޯލްޑިވްސް ޕޮލިސް ސާރވިސްގެ މައްޗަށް އަމުރުކުރަމެވެ." ކްރިމިނަލް ކޯޓުން ނެރެފައިވާ ކޯޓަށް ހާޒިރުކުރުމުގެ އަމުރުގައި ވެއެވެ.

އަދާލަތު ޕާޓީގެ ޑެޕިއުޓީ ސެކަޓަރީ ޖެނެރަލް އަހުމަދު ޝަރީފް މިރޭ ސަން އަށް ވިދާޅުވީ އިމްރާން ދިރިއުޅުއްވާ ގޭގައި ހުންނަވަނިކޮށް ހައްޔަރުކޮށްގެން ދާދި ދެންމެ އަކު ފުލުހުން ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ ވިދާޅުވީ އިމްރާން މިރޭ ހައްޔަރުކޮށްފައިވަނީ ކޯޓް އަމުރެއްގެ ދަށުން ބަންދުގައި ބަހައްޓައިގެން އޭނާ ކޯޓަށް ހާޒިރު ކުރަން ކުރި އަމުރަކާއި ގުޅިގެން ކަމަށެވެ.

އިމްރާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ މިމަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި، މުޒާހަރާގެ ބައިވެރިންނަށް ހަމަނުޖެހުން ހިންގަން ހިތްވަރުލިބޭގޮތަށް ވާހަކަފުޅުދެއްކެވި ކަމަށް ބުނެ އެވެ.

މޭއެކެއްގެ މުޒާހަރާއާއި ގުޅިގެން 25 ދުވަސް ވަންދެން އިމްރާން ވަނީ ފުލުހުންގެ ބަންދުގައި ބަހައްޓާފައެވެ.

ފުލުހުންގެ ބަންދުން ދޫކޮށްލުމާއެކު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިމްރާން ވިދާޅުވެފައި ވަނީ ހަމަނުޖެހުން ހިންގުމަށާއި އެއްވެސް މީހަކަށް ބިރުދައްކައި ގެއްލުންދިނުމަށް އެއްވެސް އިރެއްގައި އޭނާ ހިތްވަރުދީފައި ނުވާނެ ކަމަށެވެ.

އިމްރާން ވިދާޅުވީ އޭނާ އަކީ އަބަދުވެސް ސުލްހަވެރި ކަމަށް ގޮވާލާ މީހެއް ކަމަށެވެ.