02 Jun 2015, 00:00
އޮސްޓްރިއާގެ ވިއެނާގައި މިމަހުގެ 1 އިން 5 އަށް ކުރިއަށްގެންދާ ޔޫއެންއޯޑީސީގެ އިމްޕްލިމެންޓޭޝަން ރިވިއު ގްރޫޕުގެ 6 ވަނަ ސެޝަނުގައި ރާއްޖޭގެ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ފަރާތުން ބައިވެރި ވެއްޖެއެވެ.
އޭސީސީން ބުނީ، ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އެގެއިންސްޓް ކޮރަޕްޝަން (ޔޫއެންސީއޭސީ) މުއާހަދާ ތަންފީޒުކުރުމަށް އެކުލަވާލާފައިވާ ގްރޫޕުގެ ހަވަނަ ސެޝަންގައި އޭސީސީގެ ފަރާތުން ބައިވެރިވީ އެ ކޮމިޝަންގެ ރައީސް ޙަސަން ލުޠުފީއާއި، ކޮމިޝަންގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ކަމަށެވެ.
ފަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އެ ސެޝަންގައި، ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ޔޫއެންއޯޑީސީގެ އިމްޕްލިމެންޓޭޝަން ރިވިއު ގްރޫޕުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ހިޔާލު ބަދަލުކުރުން އޮންނާނެއެވެ.
ކޮރަޕްޝަން ހުއްޓުވުމުގައި މުއައްސަސާތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި، އެ މަސައްކަތް ކުރުމަށް އެންމެ ރަނގަޅު އުސޫލުތަކާއި އަދި ބޭނުންވާ ފަންނީ އެހީއާމެދު މަޝްވަރާކޮށް ހިޔާލު ބަދަލުކުރުން އޮންނާނެ ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބުންޏެވެ.