01 Jun 2015, 23:27
އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ރާއްޖޭގެ ކުރިއެރުން ހުއްޓުވާން ކަމަށާއި އެއީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ބޭނުންފުޅުވާނެ ކަމެއް ނޫން ކަމަށް އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.
މ. ދިއްގަރުގައި އިއްޔެ ބޭއްވި ޕީޕީއެމްގެ ކެންޑިޑޭޓް ފާރިސް މައުމޫންގެ ކެންޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ސިޔާމް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ރައްޔިތުންނަށް ކުރިއެރުން ލިބުނަ ނުދިނުމަށް ކަމަށެވެ.
"ދެން ތިބި ސިޔާސީ ޕާޓީތަކުން ކުރާ ކަމަކީ ރާއްޖޭގެ ރައްޔިތުންނަށް އަންނަން އޮތް ކުރިއެރުންތައް ފިއްތުން. ރާއްޖޭގެ ކުރިއެރުންތައް ނައްތާލުން. ރާއްޖޭގެ ރައްޔިތުން ފަގީރުކަމާ ނިކަމެތިކަމާ ދިމާލަށް ގެންދިޔުން. އެއީ އަޅުގަނޑުމެން ބޭނުންވާ ކަމެއް ނޫން. އަޅުގަނޑުމެންގެ އޯގާތެރި ރައީސުލްޖުމްހޫރިއްޔާ ވެސް ބޭނުންވާނެ ކަމެއް ނޫންއެއީކީ. އަޅުގަނޑުމެން ބޭނުންވަނީ ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ކޮށްދޭން،" ސިޔާމް ވިދާޅުވި އެވެ.
ސިޔާމް ވިދާޅުވީ، ރައީސް ޔާމީނަކީ އެހެން ރައީސުންނަށް ނަމޫނާ ދައްކަވާފައިވާ ބޭފުޅެއް ކަމަށާއި އެގޮތުން އެމަނިކުފާނު އަމިއްލަފުޅު މުސާރައިން 50 ޕަސެންޓު އުނިކުރައްވާފައިވާ ކަމަށެވެ.
އުމުރުން ދުވަސްވީ މީހުންނަށް ދެމުންއަންނަ 5،000 ރުފިޔާގެ އެލަވަންސް 7،000 ރުފިޔާއަށް ބޮޑުކޮށްދެއްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާ ކަމަށާއި އެފަދަ ކަންތައްތަކަކީ ކޮންމެ ސަރުކާރަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ.
"އުމުރުން ދުވަސްވީ މީހުންނަށް އެދޭ 5،000 ރުފިޔާގެ ބަދަލުގައި އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަދުވެސް އެ ލާރި 7،000 ރުފިޔާއަށް ބަދަލުކޮށްދޭނަމޭ. މީކީ އާދައިގެކަމެއް ނޫން. މިއީކީ ކޮންމެ ކޮންމެ ރައީސަކަށް ކުރެވޭނެ ކަމެއް ނޫން. ކޮންމެ ކޮންމެ ސަރުކާރަކަށް ވެސް ކުރެވޭނެ ކަމެއް ނޫން،" ސިޔާމް ވިދާޅުވި އެވެ.
މ. އަތޮޅުގެ ރައްޔިތުންނަށް އުފާފާގަތިކަން ހޯދައިދޭން ބޭނުންވާނަމަ ދިއްގަރު ދާއިރާއަށް ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ފާރިސް މައުމޫނަށް ވޯޓު ދެއްވުމަށް ސިޔާމް ވަނީ އެ ދާއިރާގެ އެންމެހައި ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.