02 Jun 2015, 00:14
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން އިންތިޒާމުކޮށްގެން، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި މިރޭ ބަހުސެއް ބާއްވައިފި އެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި ބަހުސްގައި ދިއްގަރު ދާއިރާއަށް ވާދަކުރައްވާ ހަތަރު ކެންޑިޑޭޓުން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ދިއްގަރު ދާއިރާގެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަކީ ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ އަހުމަދު ފާރިސް މައުމޫނާއި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ މ. މަޑުއްވަރީ ކާނިގޭ އަހްމަދު ރާޒީއާ އަމިއްލަ ގޮތުން ވާދަކުރައްވާ ދެ ކެނޑިޑޭޓުން ކަމުގައިވާ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ނައިބު ރައީސް މޫސާ ނަސީރު އަހްމަދާއި މ. މަޑުއްވަރީ ފީރޯސް ޝަމީމް އަލީ އެވެ.
މި ބަހުސްގައި ވާހަކަފުޅުދައްކަވަމުން ޕީޕީއެމްގެ ކެންޑިޑޭޓު ފާރިސް ވިދާޅުވީ ގާނޫނު އަސާސީގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ދައުރާއި ބާރުތައް ވަރަށް ސާފުކޮށް ބަޔާންކޮށްދީފައިވާ ކަމަށެވެ.
ފާރިސް ވިދާޅުވީ، އޭނާއަށް ލިބިފައިވާ ތައުލީމާ ސިޔާސީ ގޮތުން ލިބިފައިވާ ތަޖުރިބާގެ އަލީގައި ދިއްގަރު ދައިރާއަށް ތަރައްގީ ހޯދައި ދިނުމަށްޓަކައި މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އޭނާ ކުރާ މަސައްކަތެއް ކުރާނީ ގާނޫނު އަސާސީއާ ގާނޫނީ އިމުގެ ތެރެއިން ކަމަށްވެސް ފާރިސް ވިދާޅުވިއެވެ.
"އެންމެ ހާއްސަކޮށް އަޅުގަނޑު ފާހަގަކުރާނީ އަޅުގަނޑު ނިސްބަތްވާ ޕާޓީ އަދި އެޕާޓީގައި މިވަގުތު ތިއްބެވި މެމްބަރުންނާ އެޕާޓީ ނިސްބަތްވާ ސަރުކާރު. ސަރުކާރުގެ ތެރެއިންނާއި ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު އޮތް ޕާޓީގެ ތެރެއިން އަޅުގަނޑަށް ދާއިރާގެ ތަރައްގީއަށް ކޮށްދެވިދާނެ ކަންތައްތައް ވަރަށް ގިނަގުނަ،" ފާރިސް ވިދާޅުވި އެވެ.
ބަހުސްގައި ވާހަކަފުޅުދައްކަވަމުން އެމްޑީޕީގެ ކެންޑިޑޭޓު އަހުމަދު ރާޒީ ވިދާޅުވީ ދިއްގަރު ދާއިރާއަކީ ރޭވުންތެރިކަމާއި އެކު މަސައްކަތް ކޮށްފި ނަމަ ވަރަށް ބޮޑަށް ތަރައްގީ ކުރެވިދާނެ ދާއިރާއެއް ކަމަށެވެ.
ރައްޔިތުންނަށް އޭނާ ވެފައިވާ ވައުދުތައް ފުއްދައި ދިނުމުގައި ދެމިހުންނާނެ ކަމަށް ރާޒީ ވިދާޅުވިއެވެ. އަދި ހަމައެއާއެކު ދިއްގަރު ދާއިރާއަކީ ރިސޯޓުތައް ނެތް ހިސާބަކަށް ވާތީ އެ ސަރަހައްދުގައި ޓޫރިޒަމް ތަރައްގީ ކުރުމަށް މަސައްކަތް ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"ވަޒީފާގެ ފުރުސަތާ ލާމަރުކަޒީ ގާނޫނު އުވެމުންދާއިރު އެކަންކަން ރަނގަޅު ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލިސް ތެރެއިން އަޅުގަނޑަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން. ވީމާ ތިބޭފުޅުން އަޅުގަނޑަށް އިތުބާރު ކުރައްވާ،" ރާޒީ ވިދާޅުވި އެވެ.
އަމިއްލަ ގޮތުން ވާދަކުރެއްވާ ކެންޑިޑޭޓު މޫސާ ނަސީރު އަހުމަދު ވިދާޅުވީ ދިއްގަރު ދާއިރާގެ ތަރައްގީއަށްޓަކައި ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. މަޖިލީހަށް ކުރިމަތިލުމަށް ނިންމި މައިގަނޑު ސަބަބަކީ ދާއިރާގައި ހުއްޓިފައި ހުރި މަޝްރޫއުތައް ކުރިއަށް ގެންދިއުން ކަމަށް އޭނާ ވިދާޅުވިއެވެ.
އަމިއްލަ ގޮތުން ވާދަކުރެއްވާ އަނެއް ކެނޑީޑޭޓް ޝަމީމް ވިދާޅުވީ އޭނާ އަކީ ޒުވާނެއް ކަމަށެވެ. އެހެންކަމުން ޒުވާނުންނަށް ފައިދާ ހުރި ގިނަ ގުނަ މަސައްކަތްތަކެއް އޭނާ މަޖިލީހުގެ ތެރެއިން ކުރަން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ދާއިރާގެ ރައްޔިތުންގެ އިހުސާސް އެންމެ ބޮޑަށް އިނގޭނީ ދާއިރާގައި އުޅެ ބޮޑުވި މީހަކަށް ކަމަށެވެ.
އޭނާ ވިދާޅުވީ ދިއްގަރު ދާއިރާގައި ރަނގަޅު ސިއްހީ ނިޒާމެއް ނެތް ކަމަށާއި ދަރިންނަށް ކިޔަވާދޭނެ ރަނގަޅު ގޮތެއް ނެތް ކަމަށެވެ.
ދިއްގަރު ދާއިރާގެ އިންތިހާބު އޮތީ އަންނަ ހޮނިހިރު ދުވަހު އެވެ. އިލެކްޝަން ކޮމިޝަނުން ބުނީ ދިއްގަރު ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނުގެ ވޯޓުގެ ވަގުތީ ނަތީޖާ އިއުލާނުކުރުމަށް ބާއްވާ ހާއްސަ ޖަލްސާ ބާއްވާނީ ދިއްގަރުގައި ކަމަށެވެ.