01 Jun 2015, 22:45
ކޯޓުތަކުން މައްސަލަތައް ނިންމުން ލަސްވާނަމަ އެކަން ހަލުއިކުރުމަކީ ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާ އަށް މަތިކޮށްފައިވާ ކަމެއް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
މ. ދިއްގަރުގައި އިއްޔެ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ޝަރުއީ މަރުހަލާގެ މައްސަލަތައް ލަސްވާނަމަ އެދާއިރާގެ ބޭފުޅުންނާ ވާހަކަދައްކައިގެން އެކަން ހަލުއިކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ކުރުން ލާޒިމް ކަމެއް ކަމަށެވެ.
"އެހެންވީމަ މައްސަލަތައް ހަލުއިކުރުމަށްޓަކައި ދާއިރާގައި ތިއްބެވި ބޭފުޅުންނާ ވާހަކަދައްކައިގެން މައްސަލަތައް ހަލުއި ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ކުރަންޖެހޭ ކަމެއް. ކުރެވިދާނެ ކަމެއް ނޫން. ކުރުން ލާޒިމް ކަމެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ދިއްގަރުގެ ރައްޔިތުންނާ ސަލާން ކުރައްވަނީ ---- ފޮޓޯ/ ރައީސް އޮފީސް
ޝަރުއީ ނިޒާމްގެ މައްސަލަތައް އަވަސްކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނު އަސާސީ ލާޒިމްކުރި ނަމަވެސް، އެދާއިރާއަށް ފާޑުކިޔައި އެދާއިރާގެ ކަންތައްތަކާ ސަރުކާރުން ނުބެހޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ޕީޕީއެމްގެ ފަރާތުން ދިއްގަރު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާ ފާރިސް މައުމޫންގެ ކެމްޕޭން ޖަލްސާގައި ރައީސް ވަނީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން އިހްތިޖާޖެއްގައި އެމްޑީޕީން ދައްކާ ވާހަކަ ދިއްގަރު ދާއިރާގެ ރައްޔިތުންނަށް މުހިންމު ނުވާނެ ކަމަށާއި އެ ދާއިރާގެ ރައްޔިތުންނަށް މުހިންމުވާނީ ތަރައްގީއަށް ކޮށްދޭ ކަންތައްތައް ކަމަށް ރައީސް ވިދާޅުވިއެވެ.
"މިދާއިރާގަ މުހިންމުވާނެ މިދާއިރާގެ މަސްވެރިންނަށް މިހާރުވެސް ބޭނުންވެފައި މިއޮތް ބޭރުތޮށި ލެވޭނީ ކޮންއިރަކުންތޯ. މަންމައިންނަށް ބައްޕައިންނަށް ކިޔަވާ ކުދިންނަށް މުހިންމުވާނީ މިރަށަށް ބޭނުންވެފައި މިއޮތް ފަސް ހަ ކްލާސްރޫމާއި ސްކޫލް ހޯލް އިމާރާތްކުރެވެންޏާ މިރަށުގެ ރައްޔިތުންނަށް މުހިންމުވާނެ. އެމީހުންނަކަށް މުހިންމެއް ނުވާނެ މާދަމާރޭ އެމްޑީޕީގެ ފަރާތުން މިއޮންނަ އިހްތިޖާޖެއްގަ ދައްކާ ވާހަކައެއް މާމުހިންމެއް ނޫން،" ރައީސް ވިދާޅުވި އެވެ.

ދިއްގަރުގައި ބޭއްވި ޖަލްސާގެ ތެރެއިން ---- ފޮޓޯ/ ރައީސް އޮފީސް
އަތޮޅުތެރޭގެ ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ކޮށްދިނުމަށް ދައުލަތުގެ ބަޖެޓްގައި މުހިއްމު ކަންތައްތަކެއް ހިމަނާފައި ވާއިރު، މިފަހަރު އެ ބަޖެޓް ފާސްކުރުމަށް އެމްޑީޕީގެ މަޖިލީސް މެމްބަރުން ވޯޓުދީފައި ނުވާއިރު، ރައީސް ވަނީ އެމްޑީޕީން ރައްޔިތުންނަށް ކޮށްދިނީ ކޮންމަކެއްތޯ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ.
"އިޚްލާސްތެރިކަމަށްބަލާ ކަމަށްވަންޏާ އަތޮޅުތެރޭގެ ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ކޮށްދިނުމަށްޓަކައި ބަޖެޓުގައި އެއްވެސް ކަމަކަށް އެމްޑީޕީގެ ފަރާތުން ލީ ވޯޓެއް ނޯންނާނެ. އެހެންވީމަ ކޮންކަމެއްތޯ އެމީހުންނަށް ކޮށްދެވޭނީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓުން އިދިކޮޅު ފަރާތްތަކަށް ކާމިޔާބުނުލިބުން ރައްޔިތުންނަށް އުނދަގޫވާގޮތަށް ސިޔާސީ ހަރަކާތްތައް ހިންގަމުން އަންނަ ކަމަށާއި އެތައް ބައެއްގެ ހައްގު ގެއްލޭގޮތަށް ރައްޔިތުންގެ ހައްގުތައް ހޯދައިނުދެވޭނެ ކަމަށެވެ.
"މިހާރު އެމައްސަލަތައް ގާނޫނޫގަ އޮންނަގޮތަށް މަޖިލީސްގެ ތެރޭގައި، މަޖިލީސް ތަޅުމުގައި ޖަލްސާކޮށްފައި ވާހަކަދައްކާފައި ވޯޓުލައިގެން އެކަން ކާމިޔާބުނުވީމަ މިހާރު މަގުމަތީގަ ދުއްވާތަކެއްޗަށް، ވިޔަފާރިކުރާ މީހުންނަށް ގޭގޭގަ ކިޔަވަންތިބޭ ކުދިންނަށް ފަތިސްނަމާދަށް ހޭލުމަށްޓަކައި އަވަހަށް ނިދަން ބޭނުންވާ މީހުންނަށް، ދިވެހިރައްޔިތުންނަށް އުނދަގޫވާގޮތަށް މި ހުރިހާ ހަރަކާތެއް ހިންގަނީ. ކޮބައިތޯ ގެއްލިގެންދާ ހައްގުތަކަކީ. އެކަމަކު ކަނޑައެޅިގެން މިބުނަނީ މިއީ ރައްޔިތުންގެ ހައްގު ހޯދައިދޭން އުޅޭ ބަޔެކޭ،" ރައީސް ވިދާޅުވި އެވެ.