މައިލޯ ވިމެންސް ފުޓްބޯލް ޗެމްޕިއަންޝިޕްގެ ދެ ވަނަ ބުރުގައި ލާމް އަތޮޅަށް ނިސްބަތްވާ ސްޓާއާ ބައްދަލުކޮށް 5-0 ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުން ސަން ޓީމް މޮޅުވެއްޖެ އެވެ.

ކުޅިވަރު އެކުވެނީގެ ޓާފް ދަނޑުގައި ކުޅުނު މެޗްގައި ސަން ޓީމްގެ ޕާކިސްތާންގެ ގައުމީ ޓީމްގެ ހަޖްރާ ޚާން ވަނީ ތިން ލަނޑު ޖައި ހެޓްރިކް ހަދާފައެވެ. މެޗްގެ މޮޅު ކުޅުންތެރިޔަކަށްވެސް ހޮވުނީ ހަޖްރާއެވެ.

ސަން ޓީމްގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 17 ވަނަ މިނެޓްގައި ކާމިޔަބުކޮށްދިނީ ހަޖްރާއެވެ.

ދެވަނަ ލަނޑު ކާމިޔަބުކޮށްދިނީ ސަން ޓީމަށް ކުޅޭ ޕާކިސްތާންގެ ސަހުލީލާ ބޮލްޗްއެވެ. އޭނާ ލަނޑު ކާމިޔާބުކޮށްދިނީ 24 ވަނަ މިނެޓްގައެވެ.

ސަންޓީމްގެ ތިން ވަނަ ލަނޑު ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓްގައި ކާމިޔާބުކޮށދިނީ ހަޖްރާއެވެ.

ދެވަނަ ހާފުގެ 23 ވަނަ މިނެޓްގެ ހަޖްރާ ވަނީ އޭނާ ހެޓްރިކް ހެދި ލަނޑު ކާމިޔަބުކޮށް ސަންގެ ނަތީޖާ 4-0 ބަދަލުކޮށްފައެވެ. އެޓީމްގެ ފަސް ވަނަ ލަނޑު ދެވަނަ ހާފުގެ އެންމެ ފަހު މިނެޓް ތެރޭގައި ކަމިޔާބު ކުރީ ޖަރުމަންގެ ކުޅުންތެރިޔާ ލައުރާ ގޯޓެޒްކާއެވެ.

މިއަދުގެ މެޗް ފަސް ލަނޑުން ސަން ކާމިޔާބު ކުރިއިރު މިދެޓީމް ބައްދަލު ކުރި ފުރަތަމަ ބުރުގެ މެޗުން ސަން ޓީމް މޮޅުވީ 8-0 ގެ ނަތީޖާއަކުންނެވެ.

މިމުބާރާތުގައި މިރޭ ބައްދަލުކުރާނީ ނިއުރޭޑިއަންޓާ ދިވެހި ސިފައިންގެ ކުލަބް (ޑީއެސްސީ) އެވެ.

ނިއުރޭޑިއަންޓް މިހާރު ވަނީ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައެވެ.