މަންދު ކޮލެޖް ހިންގަމުން ގެންދާ ކުރީގެ މާލޭ އިންގްލިޝް ސްކޫލް (އެމްއީއެސް) ހިންގި އިމާރާތް ހުސްކޮށް އެތަން އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކުރުމަށް މާލޭހައި ޕްރައިވެޓް ލިމިޓެޑަށް 24 ގަޑިއިރުގެ މުހުލަތެއް ދީފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ވަނީ، މަންދު ކޮލެޖް ހިންގަމުން ގެންދާ އިމާރާތް ހުސްކުރުމަށް މާލޭހައި ޕްރައިވެޓް ލިމިޓެޑަށް އެކަށީގެންވާ މުއްދަތުތަކެއް އެ މިނިސްޓްރީން މީގެ ކުރިން ދީފައިވީނަމަވެސް، އެކަމަށް އެ ކުންފުނިން އިޖާބަދީފައި ނުވާކަމަށެވެ.

އެ މިނިސްޓްރީން ބުނީ، އެމްއީއެސްގެ ކުރީގެ މަސްއޫލުވެރީން ކަމުގައިވާގ.ސިނަމާލެ 3 (34-04) ޢަލީ މުސްތަފާ އާއި، މ. ސިނާ، އަޙްމަދު ޒާހިރުއާއެކު އެ މިނިސްޓްރީން 2008 ޑިސެމްބަރު 28ގައި ވެފައިވާ އެއްބަސްވުމުގެ އަސާސަކީ، އެމްއީއެސް ހިންގި ޢިމާރާތުގައި އިންޓަރނޭޝަނަލް ސްކޫލެއް ހިންގުންކަމަށެވެ.

"2009، އޮކްޓޫބަރު 22 ވަނަ ދުވަހު 'މާލޭހައި އެމްއީއެސް އިންޓަރނޭޝަނަލް ސްކޫލް'ގެ ނަމުގައި، މި އެއްބަސްވުމުގައި ބަޔާންކުރާ އިންޓަނޭޝަނަލް ސްކޫލު މި މިނިސްޓްރީން ރަޖިސްޓްރީކޮށްދީފައިވާނެއެވެ." މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

އެހެން ނަމަވެސް، މިނިސްޓްރީއާ އެކު ވެފައިވާ އެއްބަސްވުމާއި ގުޅިގެން އެމްއީއެސްގެ މަސްޢޫލުވެރިންނަށް ލިބިދޭ އެންމެހާ ހައްގުތަކާއި އިލްތިޒާމްތައް އެއްވެސް ބަދަލެއް ނެތި، 2010 އެޕްރީލް 6 ގައި ތަފާތު އެއްބަސްވުން ތަކެއްގެ ޒަރީއާއިންވަނީ، މާލޭހައި ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށް ނަގުލު ކުރެވިފައިވާ ކަމަށް އެމިނިސްޓްރީން ވަނީ ބުނެފައެވެ.

"މިފަދައިން ބަދަލު ކުރެވުނުއިރު، އިސްވެ ބަޔާންކުރެވުނު އެއްބަސްވުމުގެ ދަށުން، އެޢިމާރާތުގައި ހިންގަންޖެހޭ އިންޓަނޭޝަނަލް ސްކޫލު ހިންގަންފަށާފައިނުވާކަން ފާހަގަ ކުރަމެވެ. އަދި އޭގެ ބަދަލުގައި އެތަނުގައި މަންދު ކޮލެޖް ނަމަކަށް ކިޔާ ކޮލެޖެއް ހިންގަން ފަށައި، މިއަދާހަމައަށްވެސް އެކޮލެޖްގެ މަސައްކަތްތައް އެޢިމާރާތުގައިދަނީ ކުރަމުންނެވެ." މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މާލޭގައި ސްކޫލުތައް ހިންގަމުން ގެންދަނީ، ޖާގައިގެ ދަތިކަން ތަހައްމަލު ކުރަމުންކަމަށްވެފައި، ކްލާސްރޫމެއްގައި އެންމެ އެކަށީގެންވާ ވަރަށްވުރެ ގިނަ ކުދީންނަށް ޖާގަ ދީގެން ތަޢުލީމު ފޯރުކޮށްދިނުމަށް މަޖުބޫރުވެފައިވާ މިފަދަ ދަނޑިވަޅެއްގައި، އެ މިނިސްޓްރީން، ނިޒާމީ ތައުލީމުގެ ތެރޭގައި ހިމެނޭ ގްރޭޑް ސްކޫލެއް ހިންގަން އެއްބަސްވެފައިވާ ޢިމާރާތެއްގައި، އެ އެއްބަސްވުމާއި އެއްގޮތްވާ ގޮތުގެމަތީން، ސްކޫލެއް ނުހިންގައި، އެތަނުގައި ކޮލެޖެއް ހިންގަމުން ގެންދިޔުމަކީ އެ މިނިސްޓްރީން އެ އިމާރާތް ދޫކުރި މަގްސަދާ ކަނޑައެޅިގެން ޚިލާފުވާކަމެއް ކަމަށެވެ.

އެގޮތުން އެތަން ހުސްކުރުމަށް 2015 ޖަނަވަރީ 25 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ ނޯޓިސް މާލޭހައި ޕްރައިވެޓް ލިމިޓެޑަށް ދީފައިވާ ކަމަށާއި އަދި އެކަމާ ގުޅިގެން މަންދު ކޮލެޖުގައި ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް ދިމާވެދާނެ ދަތިތަކާމެދު މިނިސްޓްރީއާއެކު މަޝްވަރާކުރުމަށް ދައުވަތު ދީފައިވާނޭ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

"ނަމަވެސް، މިއިން އެއްވެސް ސިޓީއަކަށް އެދެވޭ ޖަވާބެއް މަންދު ކޮލެޖުންވެސް އަދި މާލޭހައި ޕްރައިވެޓް ލިމިޓެޑުންވެސް ދީފައެއް ނުވެއެވެ." މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

މިނިސްޓްރީން ބުނީ، ދަރިވަރުންނަށް ކުރިމަތިވެދާނޭ ގެއްލުމަކަށްޓަކައި މަންދު ކޮލެޖުގެ ފުރަތަމަ ސެމިސްޓަރގެ ކިޔެވުން ނިމޭ ހިސާބަށް (2015 މެއި 30 ވަނަ ދުވަހުގެ ނިޔަލަށް) ރަޢީސުލްޖުމްހޫރިއްޔާގެ އޮފީހުންވަނީ އެ އިމާރާތް ހުސްކުރުމުގެ މުއްދަތު އިތުރުކޮށް ދީފައިކަމަށެވެ.

"އެހެންކަމުން މިދެންނެވި ކަންކަމަށް ރިޢާޔަތްކޮށް، ޢިމާރާތް ހުސްކުރުމަށްޓަކައި 24 ގަޑިއިރު 2015 ޖޫން 01 ވަނަ ދުވަހުގެ 15:00 ގައި މާލޭހައި ޕްރައިވެޓް ލިމިޓެޑަށް މި މިނިސްޓްރީން ދީފައިވާކަމާއި މާލޭހައި ޕްރައިވެޓް ލިމިޓެޑުން އެ މުއްދަތުގައި އިމާރާތް ހުސްކުރުމަށްފަހު މިނިސްޓްރީއަށް ޙަވާލުނުކުރާނަމަ، އެ އިމާރާތް ހުސްކުރުމުގެ މަސައްކަތް މި މިނިސްޓްރީން ކުރާނޭކަން އެފަރާތަށް އަންގާފައިވާނޭކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ." މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

މަންދު ކޮލެޖްގެ އެއްބަސްވުން ބާތިލް ކުރުމާ ގުޅިގެން މިއަހަރުގެ ޖެނުއަރީ 31ގައި އެ ކޮލެޖުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. މަންދު ކޮލެޖް ހުސްކުރުމަށް އެޑިއުކޭޝަން މިިނިސްޓްރީން ވަނީ، 24 ގަޑިއިރުގެ މުހުލަތެއް ދީފައި -- ސަން ފައިލް ފޮޓޯ

މަންދު ކޮލެޖުގެ ދަރިވަރުންނާ އެކު މިއަހަރުގެ ޖެނުއަރީ 31ގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން އެ ކޮލެޖުގެ ޗެއާމަން އިބްރާހިމް އިސްމާއިލް (އިބުރާ) ވިދާޅުވެފައިވަނީ، މަންދު ކޮލެޖުގައި ކިޔަވަމުންދާ ހުރިހާ ދަރިވަރުންގެ ކޯސްތައްވެސް ކުރިއަށްދާނެ ކަމަށާއި އަދި މަންދު ކޮލެޖް މިހާރު ހިންގަމުން އަންނަ އިމާރާތުން ނުކުންނަން ނުޖެހޭނެ ކަމަށާއި އެހެން ތަނެއް ހޯދުމުގެ ވިސްނުމެއް ވެސް ނުގެންގުޅުއްވާ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން އެތަނުގެ އެގްރީމަންޓް ބާތިލް ކުރަން އެންގީ 2008 ވަނަ އަހަރުން ފެށިގެން އެތަނުގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގާފައިނުވާތީ ކަމަށް ބުނުމަކީ ހަގީގަތާ ޚިލާފު ވާހަކައެއް ކަމަށާއި "އެމްއީއެސް އިންޓަނޭޝަނަލް ސްކޫލް"ގެ ނަމުގައި 2009 ވަނަ އަހަރު ސްކޫލެއް ހިންގާފައިވާ ކަމަށްވެސް އިބްރާ އޭރު ވިދާޅުވެފައިވެއެވެ.