02 Jun 2015, 09:13
ސިހުރު ހާހޫރަ ހަދާކަމަށް ތުހުމަތުކޮށް އިންޑިއާގެ މެދުތެރޭގެ އަވަށެއްގެ އަންހެނަކަށް އަނިޔާކޮށް ރޭޕްކޮށްފި އެވެ.
އިންޑިއާގެ ފުލުހުން ބުނީ، އެގައުމުގެ މެދުތެރޭގައި އޮންނަ މަދްޔާ ޕްރަދޭޝް ސްޓޭޓުގެ ޝިވްޕުރީ ޑިސްޓްރިކްޓުގެ ކެމްރާރާ ނަމަކަށް ކިޔާ އަވަށެއްގައި ހަ މީހަކު ވެގެން އަނިޔާކޮށް އިއްޔެ ރޭޕްކޮށްފައި ވަނީ އުމުރުން 35 އަހަރުގެ އަންހެނަކު ކަމަށެވެ.
އެ އަންހެން މީހާ އަށް އަނިޔާކޮށް ރޭޕްކޮށްފައި ވަނީ އޭނާއާ އެއް އަވަށެއްގައި ދިރިއުޅޭ ހަ މީހަކު ކަމަށާއި އޭނާ ރޭޕްކުރި އިރު، އެކަކުވެސް އޭނާ އަށް އެހީވާން އައިސްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ. އެ އަންހެން މީހާ އަށް އަނިޔާކޮށް ރޭޕްކުރި އެންމެން ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.
ފުލުހުން ބުނީ، އަންހެން މީހާއަށް ލިބިފައިވާ ޒަހަމްތަކަށް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ކަމަށެވެ.
"ރޭޕްކޮށް އަނިޔާކުރި ކަމަށް އަންހެން މީހާ ބުނި ހަ މީހަކު ވަނީ ހައްޔަރުކޮށްފައި. އަންހެން މީހާގެ މެޑިކަލް ޓެސްޓުތަކުން ދައްކާ ގޮތުން އޭނާގެ ހަށިގަނޑުގެ ލަދުވެތި ގުނަވަންތަކުގައި އަނިޔާކޮށްފައި ހުރި ކަމުގެ ނިޝާންތައް ފެންނަން އެބަހުރި. އެ މައްސަލަ މިދަނީ ތަހުގީގުކޮށް، އަވަށުގެ މީހުންނާ ސުވާލުކުރަމުން،" ޝިވްޕުރީގެ ޕޮލިސް ޗީފް ޔޫސުފް ގުރޭޝީ ވިދާޅުވި އެވެ.
ރޭޕްކުރި އަންހެން މީހާއާ އެއްއަވަށެއްގައި ދިރިއުޅޭ ބައެއް މީހުން ބުނާ ގޮތުން އޭނާ ހަދާ ސިހުރުގެ ސަބަބުން އެ އަވަށުގެ ބައެއް ކުދިން ބަލިވެ، ބައެއް ކުދިން ވަނީ މަރުވެފަ އެވެ.
މައުލޫމާތު: ބީބީސީ