ހޯމް މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ވަޑައިގެން ހުންނެވި، ހަސަން އަފީފަކީ ގާނޫނީ އެއްވެސް ހައިސިއްޔަތެއް އޮތް ބޭފުޅެއްނޫން ކަމަށާއި، އަފީފުގެ އޯޑަރަށް، ކައުންސިލް އިދާރާ އިން ނިކުތުމަށް ފުލުހުން އަންގާ އެންގުންތަކަށް ކިޔަމަންވެވަޑައިނުގްނަނަވާނެ ކަމަށް ށ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ފަތުހީ ވިދާޅުވެއްޖެ އެވެ.

ށ. އަތޮޅުކައުންސިލް އިދާރާ ބެލެހެއްޓުމަށް ރޭ މިލަންދޫ އޮފީހުން ނެރުނު ކޯޓު އަމުރާ ގުޅިގެން ކަމަށް ބުނެ ރަޔަޓް ގިޔަރުގައި ތިބި ފުލުހުން އެ އިމާރާތް ވަށާލާފައިވާ އިރު ވެސް، އެހެން ކައުންސިލަރުންނާ އެކު އެ އިމާރާތުގެ ތެރޭގައި އިންނަވައި، ސަން އަށް މައުލޫމާތު ދެއްވަމުން ފަތުހީ ވިދާޅުވީ، އެ ބޭފުން ތިއްބެވީ ގާނޫނީ ގޮތުން އެ ބޭފުޅުން ތިއްބަވަން ޖެހޭތަނުގައި ކަމަށެވެ. އެހެންކަމުން ހުދުމުހުތާރު ގޮތެއްގައި ހަސަން އަފީފުގެ އޯޑަރަށް އަންގާ އެންގުންތަކަށް ކިޔަމަންވާން ނުޖެހޭ ކަމަށް ވެސް ފަތުހީ ވިދާޅުވި އެވެ. ފަތުހީ ވިދާޅުވީ، އެ ބޭފުޅުން ކައުންސިލް އިދާރާ އިން ނިކުންނެވުމަށް ފުލުހުން ތަކުރާރުކޮށް އަންގަމުން ގެންދާ ކަމަށެވެ. އަދި އަތޮޅު ކައުންސިލަރުންނަށާއި ފުނަދޫގެ ރައްޔިތުންނަށް ބިރު ދެއްކުމަށް ފުލުހުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.

މުގުރާއި ޝީލްޑާ އެކު ރަޔަޓް ގިޔަރުގައި ށ. އަތޮޅު އިދާރާ އަށް ދާން އޮންނަ މަގުތަކުގައި ފުލުހުން ދެ ވަނަ ފަހަރަށް ފޯރިމަރަން ފަށާފައި ވަނީ މިއަދު ހެނދުނު ހަތެއްޖަހާކަން ހާއިރުން ފެށިގެންނެވެ. މިދިޔަ އާދިއްތަ ދުވަހު ވެސް ފުލުހުން ވަނީ އެ އިދާރާ އިން ނިކުތުމަށް ކައުންސިލަރުންނަށް ތަކުރާރުކޮށް އަންގައިފަ އެވެ. ނަމަވެސް އެ އިމާރާތުގައި ކައުންސިލަރުން މަސައްކަތް ކުރުމަށް ފުލުހުންނަށް ހުރަސް ނޭޅޭނެ ކަމަށް ފުނަދޫ ކޯޓުން އެ ދުވަހު ނެރުނު އަމުރާ ގުޅިގެން އެދުވަހުގެ މަސައްކަތް ފުލުހުން ވަނީ ހުއްޓާލައިފަ އެވެ.