މިދިޔަ މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދިޔަ މޭޑޭ މުޒާހަރާއާ ގުޅިގެން 32 މީހެއްގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފި އެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މޭޑޭ މުޒާހަރާގައި ބައިވެރިވި 32 މީހެއްގެ މައްޗަށް ދައުވާއުފުލަން ފޮނުވާފައިވަނީ މިދިޔަ ހަފްތާގެ އެކި ދުވަސްމަތިން ކަމަށެވެ. އަދި އެމީހުންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ފުލުހުންގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކުށްތަކުގެ ދަށުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފުލުހުންގެ ގާނޫނުގައި ކުށްތަކުގެ ގޮތުގައި ބަޔާންކޮށްފައި ވަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުން ނުވަތަ ހުރަސްއެޅުން، އަދި ފުލުހުންގެ ދައުރު އަދާކުރަން ހުރި މީހަކަށް ހަމަލާ ދިނުމެވެ.

އެ ގާނޫނުގައި ވާގޮތުން މީގެތެރެއިން ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެ ނަމަ 12000 ރުފިޔާއިން ޖޫރިމަނާ ކުރުން ނުވަތަ ހަ މަސްދުވަހަށް ގޭގައި ބަންދު ކުރެވޭނެ އެވެ.

މޭޑޭ މުޒާހަރާއާ ގުޅިގެން ޕީޖީ އޮފީހަށް ހުށަހަޅާފައި ވަނީ 143 މީހެއްގެ މައްސަލަ ކަމަށް މީޖީ މުހުތާޒު މުހުސިން މީގެކުރިން ވަނީ ވިދާޅުވެފައެވެ. އަދި އޭގެތެރެއިން 128 މައްސަލަ ބަލައިގެންފައިވާއިރު އަލުން ހުށަހެޅުމަށްޓަކައި 15 މައްސަލަ އަނބުރާ ފުލުހުންނަށް ފޮނުވާލާފައިވާ ކަމަށްވެސް މުހުތާޒު ވިދާޅުވެފައިވެ އެވެ.