ބޮޑެތި ޒަޚަމްތަކަކާ އެކު މަރުވެފައި އޮއްވައި ވ. ރަކީދޫ ގެއެއްގެ ތެރެއިން ފެނުނު އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލްގެ މަރުގެ މައްސަލައިގައި އަވައްޓެރިންގެ މައްޗަށް ދައުވާ ނުކުރަން ޕީޖީ އޮފީހުން ނިންމައިފި އެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލު 'ސަން' އަށް ވިދާޅުވީ، އިބްތިހާލުގެ މަރުގެ މައްސަލައިގައި ރަކީދޫގެ ބައެއް ފަރާތްތަކުން އިހުމާލުވެފައި ވާކަން ތަހުގީގަށް އެނގިފައިވާ ކަމަށާއި އެެހެންނަމަވެސް އެއްވެސް ފަރާތަކަށް ދައުވާ ކުރުމަށް ނިންމާފައި ނުވާ ކަމަަށެވެ.

މީޑިއާ އޮފިޝަލު ވިދާޅުވީ، އިބްތިހާލުގެ މަރުގެ މައްސަލައިގައި އަވައްޓެރިންގެ މައްޗަށް ދައުވާ ކުރާނެ މަސްލަހަތެއް ނެތް ކަމަށާއި، އަދި އެމީހުންގެ މައްޗަށް ދައުވާ ކުރުމަކީ ކުށް މަދުކުރުމަށް އެޅޭ ފިޔަވަޅެއް ކަމަށްވެސް ނުފެންނަ ކަމަށެވެ.

އިބްތިހާލް މަރުވުމުގެ ކުރިން އެ ކުއްޖާ އަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިބްތިހާލުގެ މަންމަ އާފިޔާ މުހައްމަދުގެ ދޮން ބައްޕަ މ. ދިއްގަރު ބަށިމާގޭ އިސްމާއިލް ރައުފްގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އުފުލަން ފޮނުވާފައެވެ. އަދި އިބްތިހާލަށް އަނިޔާކޮށް މަރާލި ކަމުގެ ދައުވާ އިބްތިހާލުގެ މަންމަ އާފިޔާ މުހައްމަދުގެ މައްޗަށްވެސް ވަނީ އުފުލާފައެވެ.