ފުރަގަސް ފަރާތުގައި ފޮރުވައިގެން ރާއްޖެ އަށް މަސްތުވާތަކެތި އެތެރެ ކުރި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ޕޮލިސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި އެމީހާ ހައްޔަރުކޮށްފައި ވަނީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން މިދިޔަ ހޮނިހިރު ދުވަހުގެރޭ ކަމަށެވެ.

އެ މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 19 އަހަރުގެ ފިރިހެނެކެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެކްސްރޭ ނެގި އިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 13 ބުލެޓް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ގެންދިއުމުން ވަނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަހު ބަންދުގެ މުއްދަތެއް ދީފަ އެވެ.