01 Jun 2015, 16:55
ޖެނީވާ (ޖޫން 1) : ފަރަންސޭސިވިލާތާއި ސްވިޒަލެންޑުގެ ސަރަހައްދީ ރޮނގު ގުޅިފައިވާ ހިސާބުގައި ބައިސްކަލް ދުއްވަމުން ގެންދަވަނިކޮށް އިއްޔެ އެކްސިޑެންޓްވި އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީގެ ކަނާތުފައި ބިނދިފައިވާ ކަމަށް އޭނާ އެނދުމަތިކޮށްފައިވާ ޖެނީވާ ޔުނިވަރސިޓީ ހޮސްޕިޓަލުން ބުނެފި އެވެ.
ކެރީ އަށް ފަރުވާދެއްވާ ޑޮކްޓަރުންނާ ހަވާލާދީ އެހޮސްޕިޓަލުން ބުނި ގޮތުގައި ކެރީގެ ކަނާތުފައިގެ ފަލަމަސްގަނޑާ ދިމާލުން ބިނދިފައިވާ ކަމަށާ މިއަދު އޭނާ އެމެރިކާގެ ބޮސްޓަންއަށް ގެންދިޔުމަށް އެމެރިކާ ސަރުކާރުން މަސައްކަތް ކުރާކަމުގަ އެވެ. އުމުރުން 71 އަހަރުގެ ކެރީއަކީ ވަރަށް ބޮޑަށް ކަސްރަތުކުރައްވާ އަދި ޚާއްސަކޮށް ބައިސްކަލް ދުއްވާ ބޭފުޅެކެވެ. އޭނާ އަށް ހާނީއްކަވީ ގާކޮޅެއްގެ މަތިން ދުއްވުމާއެކު ވެއްޓިގެންނެވެ. އޭނާ ބައިސްކަލް ދުއްވިކަމަށް ވަނީ ގާތައްގިނަ ފަރުބަދަމަތީ ހިސާބެއްގަ އެވެ.
ކެރީއަކީ 71 އަހަރުގެ މުސްކުޅިއެއްކަމުން އޭނާގެ ބިނދިފައިވާ ފައި ރަނގަނޅުވުމަށް ހައެއްކަ މަސްނަގާނެ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ރިޕޯޓްތައް ބުނެ އެވެ. ކެރީ، ފަރަންސޭސިވިލާތާއި ސްވިޒަލެންޑުގެ ސަރަހައްދީ ރޮނގު ގުޅިފައިވާ ފަރުބަދަމަތީ ހިސާބަކަށް ބައިސްކަލް ދުއްވަން ވަޑައިގެންނެވީ އީރާނުގެ ޚާރިޖީ ވަޒީރު ޑރ. މުހައްމަދު ޖަވާދު ޒަރީފް އާ ޖެނީވާގައި އީރާނުގެ ނިއުކްލިޔާ މައްސަލައާ ގުޅޭ މަޝްވަރާތަކެއް ކުރެއްވުމަށްފަހު އެވެ. ކެރީގެ ޔޫރަޕްގެ ދަތުރުފުޅުގައި މިއަދާއި މާދަމާ ޕެރިހުގައި ބާއްވާ ދެބައްދަލުވުމެއްގައި ކެރީ ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވީ ނަމަވެސް މިހާރުއެކަން ވަނީ ކެންސަލްވެފަ އެވެ.
ކެރީގެ ފައިގެ އޮޕަރޭޝަން ކުރުމަށް ހަމަޖެހިފައި ވަނީ އެމެރިކާގެ މެސަޗޫސެޓްސް ސްޓޭޓްގެ ޖެނެރަލް ހޮސްޕިޓަލުގައި ކަމަށާ އެއަށް ފަހު ހޮސްޕިޓަލުގައާއި ގޭގައި ދެތިން މަސްވަންދެން ރެސްޓް ކުރައްވަން ޖެހޭނެ ކަމަށް ޚަބަރުތައް ބުނެ އެވެ. (ރޮއިޓާސް)