01 Jun 2015, 16:02
އައިލެންޑް އޭވިއޭޝަން ހެޑް އޮފީސް ހިންގަން ބިމެއް ދިނުމަށް ނިންމައި މިހާރު އޮފީސް ހިންގާ އިމާރާތް ހުސްކުރުމަށް ސަރުކާރުން އަންގައިފި އެވެ.
މޯލްޑިވިއަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު މިއަދު "ސަން"އަށް ވިދާޅުވީ، ފެށުނީއްސުރެ ހެޑް އޮފީސް ހިންގަމުން އަންނަ އިމާރާތް ހުސްކޮށް އެހެން އިމާރާތަކަށް ބަދަލުވުމަށް ސަރުކާރުން އަންގާފައިވާ ކަމަށެވެ. އަދި އެކުންފުއްޏަށް ބިމެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
"މިތަން ހުސްކުރަން ސަރުކާރުން ނިންމާފައި ވަނީ، ތަނެއް ހޯދައިގެން ހަމަޖެހިގެން ނުކުންނަން އަންގާފައި، އޮތީ." ނަޝާތު ވިދާޅުވި އެވެ.
ނަޝާތު ވިދާޅުވީ އެކުންފުއްޏަށް ދެނީ ކޮން ބިމެއް ކަން އަދި ނޭންގޭ ކަމަށާއި އެކުންފުނިން ވިސްނަނީ ސަރުކާރުން ދެއްވާ ބިމުގައި ބޮޑު އިމާރާތެއް އެޅުމަށް ކަމަށެވެ.
"މިއޮއް ހުރިހާ ދުވަހު އަޅުގަނޑުމެން މިއުޅެނީ ކުއްޔަށް، ދެން ބިމެއް ލިބުމަކީ ވަރަށް ބޮޑު ކުރިއެރުމެއް." ނަޝާތު ވިދާޅުވިއެވެ.
ގައުމީ އެއާލައިން މިހާރު ހިންގާ އެ އިމާރާތަކީ ވަރަށް ދުވަސްވެފައިވާ އިމާރާތެކެވެ.
އެބިން ހުސްކޮށް ދެން ބޭނުންކުރަނީ ކޮންބޭނުމެއްގައިތޯ ސާފު ކުރުމަށް ހައުސިން މިނިސްޓްރީ އަށް ގުޅުމުން އެމިނިސްޓުރީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
އެކޮށީގައި ދެން ހުންނަ ނަސަންދުރާ ބިމުގައި ބޮޑު އިމާރާތެއް އެޅުމަށް ޓަކައި މިހާރު އެހޮޓާ ވަނީ ބަންދުކޮށްފަ އެވެ. ނަސަންދުރާ ހޮޓެލް ތަޅާލުމަށް ފަހު އެތަނުގައި 15 ބުރީގެ އިމާރާތެއް އެޅުމަށް ވަނީ ނިންމައިފަ އެވެ.