މަޝްހޫރު ލިޔުންތެރިޔާ އަދީ ގާނޫނީ ވަކީލު އަހުމަދު ނަޖީބަށް މ. މަސްރޫރާގެއަށް ވަޑައިގަތުމަށް ދައުވަތު ދިންއިރު، އަހްމަދު މުއްރަތު އޭނާ މަރާލަން އުޅޭކަމެއް ނޭނގޭ ކަމަށް ނަނަޖީބު މަރާލުމުގެ ކުށް ސާބިތުވެ މަރުގެ ހުކުމް އިއްވާފައިވާ ށ. ގޮއިދޫ ރިހާބު ފާތިމަތު ހަނާ ބުނެފި އެވެ.

ހައިކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހަނާ ބުނީ މުއްރަތު ނަޖީބު މަރާލާނެކަން އެނގޭނަމަ ނަޖީބަށް ފޯނުކޮށް މަސްރޫރާގެއަށް ވަޑައިގަތުމަށް ދައުވަތު ނުދޭނެ ކަމަށެވެ.

ހަނާގެ ގާނޫނީ ވަކީލު ވިދާޅުވީ ތަހުގީގު ބަޔާނާ ބެހޭގޮތުން ދަށު ކޯޓުގައިވެސް އަދި ހައިކޯޓުގައިވެސް ކޮށްފައިވަނީ އެންމެ ސުވާލެއް ކަމަށެވެ.

ހަނާގެ ވަކީލު އެހެން ވިދާޅުވުމުން، ތަހުގީގު ބަޔާނުގައި ހަނާ އިންކާރުކުރާ ކަމެއްއޮތްތޯ ބެލުމަށް ފަނޑިޔާރުންގެ ބެންޗުން ވަނީ ސުވާލުކުރައްވާފައެވެ.

ފަނޑިޔާރުންގެ ސުވާލަށް ޖަވާބުދެމުން ހަނާ ވިދާޅުވީ މުއްރަތު ނަޖީބު މަރާލާނެކަން އެނގޭނަމަ މަސްރޫރާގޭގައި އޭނާ މަޑުވެސް ނުކުރާނެ ކަމަށެވެ.

"ނަޖީބު މަރާލާނެކަން އެނގޭނަމަ އެގޭގައި މަޑުވެސް ނުކުރާނަން، އެގެއަށް ނުވެސް ގެންނާނަން،" ހަނާ ބުންޏެވެ.

ހަނާ ބުނީ ނަޖީބު މަރާލުމުގެ ކުރިން އޭނާ މަރާލަން އުޅޭ ވާހަކަ މުއްރަތު އޭނާގާތު ބުނެފައިނުވާ ކަމަށެވެ.

ނަޖީބު މަރާލަން އުޅޭކަން އެނގޭނަމަ މަސްރޫރާގޭގައި މަޑުނުކުރާނެ ކަމަށް ހަނާ ބުނެފައިވާއިރު، އެއީ މީގެކުރިން ކްރިމިނަލް ކޯޓާއި ހައިކޯޓުގައި ބޭއްވި އެއްވެސް ޝަރީއަތުގެ މަޖިލީހެއްގައި އޭނާ ފާހަގަކޮށްފައިނުވާ ވާހަކައެއް ކަމަށް ފަނޑިޔާރުން ވިދާޅުވި އެވެ. އަދި އެކަމާ ގުޅިގެން ފަނޑިޔާރުން ވަނީ ހަނާއާ ގިނަ ސުވާލުތަކެއް ކޮށްފަ އެވެ.

އެގޮތުން ނަޖީބު މަރާލުމުގެ ނިޔަތް ހަނާގެ ކިބައިގައި ނެތް ނަމަ ދެން އޭނާ އެގެއަށް ގެނައީ ކޮން ނިޔަތެއްގައި ތޯ ފަނޑިޔާރުން ސުވާލުކުރުމުން ހަނާ ބުނީ "ނަޖީބު ގެނައީ ފޭރުމުގެ ނިޔަތުގައި" ކަމަށެވެ.

ފޭރުމަށް ފަހު ނަޖީބު މައްސަލަ ޖައްސައިފިނަމަ ދެން ކަންކުރަން ރާވާފައިވަނީ ކިހިނެތްތޯ ސުވާލުކުރުމުން ހަނާ ބުނީ "އޭގެ ފަހުން ހިނގާ ހުރިހާ ކަމެއްގެ ޒިންމާ ނަގާނެ ކަމަށް މުއްރަތު ބުނި" ކަމަށެވެ.

ނަޖީބުގެ މަރުގެ ބަދަލުގައި ގާތިލުންގެ ކިބައިން ބޭނުންވަނީ މަރަށް މަރު ހިފަން ކަމަށް ނަޖީބުގެ ހުރިހާ ވާރިސުން ކްރިމިނަލް ކޯޓުގައި ބުނެފައިވާއިރު، ވާރިސުން ހައިކޯޓަށް ވެސް ހާޒިރުކޮށް، ނަޖީބުގެ މަރުގެ ބަދަލުގައި އެމީހުން ބޭނުންވާގޮތެއް ސާފުކޮށްދިނުމަށް ވެސް ހަނާ މިއަދު ވަނީ އެދިފަ އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދެ ފަރާތުން ވެސް ވަނީ ޚުލާސާ ބަޔާން ހުށަހަޅާފައެވެ.

ޚުލާސާ ބަޔާން ހުށަހަޅުއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ނަޖީބު މަސްރޫރާގެއަށް ގެންގޮސްފައި ވަނީ ފޭރުމުގެ ނިޔަތުގައި ނަމަ ފޭރުމަށް ފަހު އޭނާ ދޫކޮށްލަން ޖެހޭނެ ކަމަށާއި އެހެންނަމަވެސް އެކަން އެގޮތަށް ކޮށްފައި ނުވާ ކަމަށެވެ.

ނަޖީބު މަރާލުމުގެ ކުރިން އޭނާގެ އަނގަޔަށް ފޮތި ލައްވައި ޓޭޕު އެޅިމީހަކީ ހަނާކަމަށް ޝަރީއަތުގެ މަޖިލީހަށް އޭނާ ދިން ބަޔާނުން ސާބިތު ވާކަމަށް ދައުލަތުގެ ވަކީލުން ވަނީ ފާހަގަކޮށްފަ އެވެ. އެހެންކަމުން ހަނާ އަކީ "ނަޖީބު މަރާލުމުގައި ބައިވެރިވި ފަރާތެއްކަން ކަށަވަރުވާ" ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

ނަޖީބު މަރާލި ވަގުތު ނިދާފައި އޮތީ ގަސްތުގައި ނޫން ކަމަށާއި، ބަނގުރާ ބުއިމުގެ ސަބަބުން ނިދުނީ ކަމަށް ހަނާގެ ފަރާތުން ޝަރީއަތުގައި ބުނެފައި ވާތީ ދައުލަތުން ވަނީ އެކަންވެސް ޚުލާސާ ބަޔާނުގައި ފާހަގަކޮށްފަ އެވެ.

އިސްލާމީ ފިގުހުގެ އިލްމުވެރިނާ ހަވާލާދެއްވައި ދައުލަތުގެ ވަކީލު ވިދާޅުވީ ޖަމާއަތް ހަދައިގެން ބަޔަކު މެރުމަށް ނުވަތަ ފުރާނަދުއްވާލަން ރާވާފައި ނުވިނަމަވެސް މީހަކު މަރުވަންދެން ގަސްތުގައި ތެޅުމަކީ އެ އެންމެންގެ މައްޗަށް ގިސޯސް ހިފޭނެ ކަމެއް ކަމަށެވެ.

އެ ހުރިހާ ކަމަކަށް ރިއާޔަތްކޮށް ހަނާގެ މައްޗަށް ދަށުކޯޓުން ކޮށްފައިވާ ގިސޯސް ހިފުމުގެ ހުކުމަށް ހައިކޯޓުން ތާއީދުކޮށްދިނުމަށް ދައުލަތުން ވަނީ އެދިފަ އެވެ.

އެ މައްސަލައިގައި ޝަރީއަތުން ސާފުކުރަން ބޭނުން އިތުރު ކަމެއް އޮތް ނަމަ އިތުރު އަޑު އެހުމެއް ބާއްވާނެ ކަމަށާއި، އެހެންނޫންނަމަ ދެން އޮއްނާނީ މައްސަލައިގެ ހުކުމް އިއްވުމުގެ ޝަރީއަތުގެ އަޑުއެހުން ކަމަށް ވެސް ފަނޑިޔާރުން ވަނީ ވިދާޅުވެފަ އެވެ.

އެ މައްސަލައިގެ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު އައްބާސް ޝަރީފެވެ. އެ ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު އަލީ ސަމީރު އަދި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.

ހަނާގެ އިތުރުން އެމައްސަލާގައި މެރުމަށް ހުކުމްކޮށްފައިވާ އޭނާގެ ލޯބިވެރިޔާ މުއްރަތު މެރުމަށް ދަށު ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ވަނީ ތާއީދުކޮށްފައެވެ.