މާލޭގެ މޭޔަރުކަމަށް ސަރަނގު އާދަމް މަނިކު ކުރިމަތިލެއްވި މައްސަލަ ބެލުމަށް އެމްޑީޕީގެ އެއްވެސް ގުނަވަނަކުން އަދި ނިންމައިފައިނުވާ ކަމަށާއި އެ މައްސަލަ ބެލެން އޮތީ ރަސްމީކޮށް ޕާޓީގެ ސެކްރެޓޭރިއެޓަށް ޝަކުވާ ހުށަހެޅުމުން ކަމަށް އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޝާހު ވިދާޅުވެއްޖެ އެވެ.

ޝާހު ވިދާޅުވީ، އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރާ ޚިލާފަށް މާލޭގެ މޭޔަރުކަމަށް މައްޗަންގޯޅީ ދެކުނު ދާއިރާގެ ކައުންސިލަރު އާދަމް މަނިކު ކުރިމަތިލައްވައި، އެ އިންތިހާބު ކާމިޔާބުކުރެއްވި މައްސަލަ ބެލުމަށް އެދި އެއްވެސް ފަރާތަކުން ޕާޓީގެ ސެކްރެޓޭރިއެޓަށް އަދި ހުށަހަޅައިފައިނުވާ ކަމަށެވެ.

"ޕާޓީގެ ސެކްރެޓޭރިއެޓަށް ލިޔުމަކުން ނާދޭ އެ މައްސަލަ. އަޅުގަނޑުމެންނަށް އެކަން ބެލެން އޮންނާނީ ރަސްމީ ކޮށް ޝަކުވާ ހުށަހެޅުމުން،" ޝާހު ވިދާޅުވި އެވެ.

އާދަމް މަނިކު މޭޔަރުކަމަށް ކުރިމަތިލެއްވީ، އެ މަގާމަށް މާފަންނު ހުޅަނގު ދާއިރާގެ މުހައްމަދު ފަލާހު ހޮވުމަށް މާލޭގެ ދާއިރާތަކުގެ އަޣުލަބިއްޔަތުން ކަނޑައަޅައިފައިވަނިކޮށެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކުރި ގަރާރުގައި ބުނަނީ، ކައުންސިލްތަކުގެ ރައީސާއި ނައިބު ރައީސުން ހޮވުމުގައި ކައުންސިލަރުން ވޯޓުދެއްވަންވާނީ، އެ ދާއިރާއެއްގެ މަޝްވަރާ މަޖިލީހުން ހުށަހަޅާ ގޮތަކާ އެއްގޮތަށް ކަމަށެވެ. ނަމަވެސް، މޭޔަރަކަށް ފަލާހު ހޮވުމަށް މާލޭގެ 11 ދާއިރާގެ ތެރެއިން ހަތް ދާއިރާއެއްގެ އަޣުލަބިއްޔަތު ލިބިފައިވަނިކޮށް، އާދަމް މަނިކު މޭޔަރަކަށް ހޮވިވަޑައިގަތީ އަށް ވޯޓު ލިބިގެންނެވެ. ފަލާހަށް ލިބިވަޑައިގަތީ ދެ ވޯޓެވެ.

މި މައްސަލައާ ގުޅިގެން ފަލާހު ވިދާޅުވީ، އާދަމް މަނިކު މޭޔަރުކަމަށް ހޮވިވަޑައިގަތީ އެމްޑީޕީގެ އަސާސީ ގަވައިދާ ޚިލާފަށް ކަމަށާއި އޭނާއާ މެދު އެމްޑީޕީން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.

ނަމަވެސް، އާދަމް މަނިކު ވިދާޅުވީ، ލޯކަލް ކައުންސިލްތަކުގެ ހުރިހާ މަސައްކަތްތަކެއް ހިނގައިފައިވަނީ ޤާނޫނާ އެއްގޮތަށް ކަމަށާއި މޭޔަރުވެސް ހޮވައިފައިވަނީ އެ އުސޫލުގެ ދަށުން ކަމަށެވެ.