13 Apr 2010, 11:57
ދަތުރުކުރެއްވި މަތިންދާބޯޓު ވެއްޓުމުގެ ސަބަބުން އަވަހާރަވެފައިވާ ޕޮލެންޑްގެ ރައީސް ލެޗް ކަޒިންސްކީގެ ހަށިކޮޅު އެގައުމުގެ ވެރިރަށް ވާސޯ އަށް ގެންގޮސްފި އެވެ.
ރަޝިއާގެ ހުޅަނގުގެ ސަހަރެއް ކަމަށްވާ ސްމޮލެންސްކްގައި ހޮނިހިރު ދުވަހު ހިނގި މި ހާދިސާއަށްފަހު ކަޒިންސްކީގެ ހަށިކޮޅު ވާސޯ އަށް ގެންގޮސްފައިވަނީ އިއްޔެގެ ވަގުތެއްގައި ރަޝިއާގެ އަސްކަރީ މަތިންދާބޯޓެއްގަ އެވެ. މިކަމަށްޓަކާ ބޭއްވުނު ރަސްމިއްޔާތުގައި ކަޒިންސްކީގެ އެއްމާބަނޑު ބޭފުޅެއް ކަމަށްވާ އެގައުމުގެ ކުރީގެ ބޮޑުވަޒީރު ޖެރޮސްލާވްގެ އިތުރުން ޕޮލެންޑް ސަރުކާރުގެ އިސް އޮފިޝަލުންނާއި އާންމުންގެ ގިނަ ބަޔަކު ބައިވެރިވެފައިވެ އެވެ. މިހާދިސާގައި މަރުވެފައިވާ އެހެން އެންމެންގެ ހަށިތައް ގެންގޮސްފައިވަނީ ރަޝިއާގެ ވެރިރަށް މޮސްކޯއަށެވެ.
ސްމޮލެންސްކްގެ ރަށްބޭރުގައި އޮންނަ ރަންވޭއަކަށް ބޯދުންފިނީގައި ޖައްސަން އުޅެނިކޮށް ދަތުރުކުރެއްވި މަތިންދާބޯޓު ވެއްޓުމުގެ ސަބަބުން ކަޒިންސްކީގެ އިތުރުން ޕޮލެންޑް ސަރުކާރުގެ އިސް އެތައް ބޭފުޅުންނެއް ވަނީ އަވަހާރަވެފަ އެވެ. އަވަހާރަވި ބޭފުޅުންގެ ތެރޭގައި އެގައުމުގެ ސިފައިންގެ އިސް ވެރިންނާއި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާއި ޑެޕިއުޓީ މިނިސްޓަރުން ހިމެނެ އެވެ. މިވަގުތު އެގައުމު ހިންގެވުމާ ހަވާލުވެ ހުންނެވީ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ބްރަނިސްލާވް ކޮމޮރޯސްކީ އެވެ.