01 Jun 2015, 15:23
ސީޒަނަލް މޫވީސްގެ އުފެއްދުމެއް ކަމުގައިވާ "އިންސާނާ" އަށް ސާކް ފިލްމް ފެސްޓިވަލްގައި ބްރޮންޒް މެޑައްޔެއް ލިބިއްޖެ އެވެ.
ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި މިއަދު ބޭއްވި ސާކް ފިލްމް ފެސްޓިވަލްގައި އިންސާނާއަށް ލިބުނީ މިދިޔަ އަހަރު އެ ފެސްޓިވަލްގައި ބައިވެރިކޮށްގެން ތިން ވަނަ ހޯދި "އިނގިއްޔަށް" ވެސް ލިބުނު ދަރަޖަ އެވެ.
މިދިޔަ އަހަރު އޮލިމްޕަހުގެ ސްކްރީނަށް އައި "އިންސާނާ" އަކީ އިނގިރޭސި ވާހަކައެއްގެ އަސްލަށް ބިނާކޮށްގެން އުފައްދާފައިވާ ސައިކޮލޮޖިކަލް ތުރިލާއެކެވެ. އަދި މުޅި ފިލްމްގައި ވެސް ފެނިގެންދާނީ މީހަކު މަރާލުމަށް ފަހު ގާތިލަކު ސަލާމަތްވާންވެގެން އޭނާ ކުރާ މަަސައްކަތްތަކެވެ.
އެ ފިލްމްގެ ތަރީންގެ ގޮތުގައި ފިލްމްގެ ޑައިރެކްޓަރު ސީޒަންގެ އިތުރުން އައިޝަތު ރިސްމީ އާއި ފާތުމަތު ފަރީލާ ވެސް ހިމެނެ އެވެ.
ސާކް ކަލްޗަރަލް ސެންޓަރުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ސާކް ފިލްމު ފެސްޓިވަލުގައި މިދިޔަ އަހަރު "އިނގިލި" އެ ފިލްމް ތިން ވަނަ ހޯދި އިރު އެންމެ މޮޅު އެކްޓަރުގެ އެވޯޑް އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) އަށް ވަނީ ލިބިފަ އެވެ.