ކުޑަ އަންހެން ކުއްޖަކާ އެކު ބަދު އަހުލާގީ އަމަލު ހިންގި ކަމުގެކުށް ސާބިތުވި މީހަކު 10 އަހަރަށް ޖަލަށްލާން ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.

ގައްދޫ މެޖިސްޓްރޭޓް ކޯޓުން މިދިޔަ އާދިއްތަ ދުވަހު އެ ހުކުމް ކޮށްފައި ވަނީ އެ ރަށު، ދިލާވަރުގެ މުހައިމިނު ޝަރީފްގެ މައްޗަށެވެ.

އޭނާގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ 2010 އޭޕްރީލް 18 ވަނަ ދުވަހުގެ 6:50 ހާއިރު ގައްދޫ ގެއެއްގެ ކޮޓަރިއެއްގެ ތެރޭގައި އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކާ އެކު ބަދުއަހްލާގީ އަމަލު ހިންގި މައްސަލައަކާ ގުޅިގެންނެވެ.

ގައްދޫ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ހުކުމްގައި ބުނެފައި ވަނީ ކުޑަކުއްޖަކާ މެދު ޖިންސީ ޢަމަލެއް ނުހިންގާ ކަމަށް މުހައިމިން ބުނި ނަމަވެސް ކަންވީގޮތް އޭނާ ޝަރީއަތުގައި ބަޔާންކޮށްދީފައި ނެތް ކަމަށެވެ. އަދި ހުށަހަޅާފައިވާ ހެކިންގެ ހެކިބަހުންނާއި އެ އަމަލު ހިންގި ކުޑަކުއްޖާ ދީފައިވާ ތަހުގީގު ބަޔާނުންނާއި ހުށަހަޅާފައިވާ މެޑިކޯ ލީގަލް ރިކޯޑުން މުހައިމިން ކުޑަކުއްޖަކާ މެދު ބަދު އަހުލާގީ ޢަމަލު ހިންގާފައިވާކަން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

އެ ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ގާނޫނުގެ 3 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެމާއްދާގެ (ނ)ގެ ދަށުން މުހައިމިން ޝަރީފް 10 އަހަރު ދުވަހުގެ މުއްދަށް ޖަލަށް ލުމަށް ހުކުމް ކުރާ ކަމަށެވެ.