ފީފާއާ ގުޅުން ހުރި ކޮރަޕްޝަން މައްސަލައެއްގައި މިދިޔަ ބުދަ ދުވަހު ސްވިޒަލޭންޑްގެ ޒިޔުރިކްގެ ފުލުހުން ހައްޔަރު ކުރި ފީފާގެ ކުރީގެގެ ނައިބު ރައީސް ޖެކްވާނާ ޖޫރިމަނާއާއެކު ވަގުތީ ގޮތުން ޓްރިނިޑާޑްއެންޑް ޓޮބޭގޯގެ ކޯޓަކުން ދޫކޮށްލައިފި އެވެ.

މިދިޔަ ހުކުރު ދުވަހު ވާނާ ދުކޮށްލީ 395000 އެމެރިކާ ޑޮލަރުގެ ޖޫރިމަނާއެއް ނެގުމަށްފަހު އެވެ.

ވަގުތީ ގޮތުން ދޫކޮށްލުމަށް ނެރުނު އަމުރާއެކު އާނޭގެ ފޭސްބުކް ޕޭޖްގައި އާންމުކޮށްފައިވާ ވީޑީއޯގައި ވާހަކަ ދައްކަވަމުން ޖެކްވާނަ ވިދާޅުވީ ބަޔަކު ރާވައިގެން އޭނާގެ ބޮލުގައި ކޮރަޕްޝަންގެ އަމަލު އެޅުވުމަށް ކުރަމުންގެންދާ މަސައްކަތް ކާމިޔަބު ނުވާނެ ކަމަށެވެ.

ޖެކްވާނާ ވިދާޅުވީ ފީފާގެ ތެރެއިން އެއްވެސް ކޮރަޕްޝަންގެ އަމަލަކަށް އޭނާ ހިތްވަރު ނުދެއްވާ ކަމަށާއި އަދި ވަކި ގައުމަކަށް ވޯލްޑް ކަޕް ބިޑް ދޭން ކޮރަޕްޝަންގެ އެއްވެސް ފައިސާއެއްގައި ހިފާފައިނުވާނެ ކަމަށާއި އެފަދަ ކަންކަމަށް ހިތްވަރު ނުދެއްވާނެ ކަމަށެވެ.

ނަމަވެސް 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ވޯލްޑް ކަޕް ބޭއްވުމަށް 10 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ހިފި ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. އަދި ޓީވީ ރައިޓްސްއާއި ސްޕޮންސާޝިޕް އެއްބަސްވުންތައް ވަކި ބަޔަކަށް ދިނުމަށް ޖެކުވާނާ މަސައްކަތް ކޮށްފައިވާ ކަމުގެ ތުހުމަތުވެސް އޭނާގެ މައްޗަށް ވަނީ ކުރެވިފައެވެ. އަދި 2011 ވަނަ އަހަރު ބޭއްވި ފީފާގެ ކޮންގްރެސްގައި ވަކި ކެނޑިޑޭޓުންނަށް ވޯޓްދިނުމަށް އޭނާ ބައެއް ގައުމުތަކުގެ މަންދޫބުންނަށް ރިޝްވަތު ދީފައިވާ ކަމުގެ ތުހުމަތު ވެސް ވަނީކޮށްފަ އެވެ.

ޖެކްވާނާ ވަނީ ތިން ދުވަސް ޖަލުގައި ހޭދަކުރައްވާފަ އެވެ. ޖެކްވާނާ އައި ފީފާގެ ކުރީގެ އަދި މިހާރުގެ މަތީ ފެންވަރުގެ އޮފިޝަލުންތަކެއް ހިމެނޭ ގޮތަށް އިތުރު ނުވަ މީހަކަށް ދައުވާ ކުރުމަށް އެމެރިކާގެ އެޓަނީ ޖެނަރަލް އޮފީހުން ދަނީ ތައްޔާރުވަމުންނެވެ.

އެކަމާ ބެހޭގޮތުން ޓްރިނިޑާޑް އެންޑް ޓޮބޭގޯއަށް ނިސްބަތްވާ ޖެކްވާނާ ވިދާޅުވީ އޭނާ ޖަލަށް ލައްވައި ދައުވާ ކުރަނީ އޭނާއަކީ ތިން ވަނަ ދުނިޔޭގެ ގައުމަކަށް ނިސްބަތްވާ މިހެއް ކަމުގައި ވުމުން ކަމަށާއި އެއްވަނަ ދުނިޔޭގެ ގައުމުތަކުގެ މީހުންނަށް އެފަދަ ދައުވާތަކެއް ނުކުރާނެ ކަމަށެވެ.