އައްޑޫ ސިޓީގެ ރަށްތަކުގެ ސައި ހޮޓާ، ކެފޭ، ރެސްޓޯރަންޓް އަދި ކެންޓީނުފަދަ ތަންތަނުން ކުލީގެ ގޮތުގައި މަހަކު 200 ރުފިޔާ ސިޓީ ކައުންސިލުން ނަގަމުން އަންނަނީ ގާނޫނާ ޚިލާފަށް ކަމަށް މީދޫ ކޯޓުން ހުކުމް ކޮށްފި އެވެ.

އަމިއްލަ ފަރާތަކުން މީދޫ ކޯޓަށް ހުށަހެޅި މައްސަލަ ބެލުމަށްފަހު މިއަދު އިއްވި ހުކުމްގައި އައްޑޫ ސިޓީގެ ރަށްތަކުގެ ސައި ހޮޓާ، ކެފޭ، ރެސްޓޯރަންޓް އަދި ކެންޓީނުފަދަ ތަންތަނުން ކުލީގެ ގޮތުގައި މަހަކު 200 ރުފިޔާ ނެގުމަށް ސިޓީ ކައުންސިލުން 2014 ވަނަ އަހަރު ކުރި އިއުލާން ވަނީ ބާތިލްކޮށްފަ އެވެ.

މީދު ކޯޓުގެ ހުކުމްގައި ވަނީ އައްޑޫ ސިޓީގެ ބޯހިމެނުމުގެ ޖުމްލަ ހިސާބަށް ބަލައި އެ ސިޓީގެ އާބާދީ 30،000 އަށް ވުރެ މައްޗަށް ގޮސްފައިވާތީ އައްޑޫގެ ރަށްތަކުގެ ތެރެއިން 10،000 މީހުން ހަމަނުވާ ރަށްރަކުގައި ހުރި ސައި ހޮޓާ، ކެފޭ، ރެސްޓޯރަންޓް އަދި ކެންޓީނުފަދަ ތަންތަނުން 200 ރުފިޔާގެ ފީއެއް ނަގަން ނިންމާފައިވާ ނިންމުމަކީ "އިމްޕޯޓު މުދާ ވިއްކާ ތަންތަން، ސައިހޮޓާ އަދި ކެންޓީނާބެހޭ" ގާނޫނާ ތައާރަޒުވާ ނިންމުމެއް ކަމަށެވެ.