ކުންފުނިތަކުން އިކޮނަމިކް މިނިސްޓްރީއަށާއި މީރާ އަށް ހުށަހަޅަން ޖެހޭ ޑޮކިއުމަންޓްތައް މީރާ އަށް އެކަނި ހުށަހަޅާ ގޮތަށް، އިކޮނަމިކް މިނިސްޓްރީ އާއި މީރާ އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އިކޮނަމިކް މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި މީރާގެ ފަރާތުން ސޮއި ކުރެއްވީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދެވެ. އަދި އިކޮނަމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު ސައީދެވެ.

މިއަދުގެ ރަސްމިއްޔަތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ވަސީލަތައް ފޯރުކޮށްދިނުމުގައި ހުރި ދަތިތައް ނައްތާލަން މަސައްކަތް ކުރާތާ ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށެވެ.

އަދި މިއަދު ސޮއި ކުރި އެއްބަސްވުމުގެ ދަށުން ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި މިއަދުވި އެއްބަސްވުމުގެ ދަށުން، އެންމެ ގިނައިން އެ މިނިސްޓްރީ އަށް އަންނަ ޝަކުވާ، އަހަރީ ހިސާބު ހުށަހެޅުމުގެ ޝަކުވާ އަށް ހައްލެއް ލިބިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެކަމުގެ ސަބަބުން ވިޔަފާރިތަކަށް ވަރަށް ފައިދާކުރާނެ ކަމަށް ވެސް މިނިސްޓަރު ސަޢީދު ވިދާޅުވި އެވެ.

"އިކޮނަމިކް ޑިވެލޮޕްމަންޓަށް ކުންފުނިތަކުން ހުށަހަޅާނެ އަހަރީ ހިސާބު. އަނެއްކާ މި އަހަރީ ހިސާބު މިނިސްޓްރީ އަށް ހުށަހަޅާފައި މީރާ އަށް ވެސް ހުށަހަޅާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިއަދު ސޮއި ކުރި އެއްބަސްވުމުގެ ދަށުން އެ ހުރިހާ ލިޔެކިޔުންތަކެއް އެއް ދިމަލާކަށް ހުށަހެޅުމުގެ ފުރުސަތު ތަނަވަސްވެގެން ދިޔައީ ކަމަށެވެ. އެގޮތުން އޮޑިޓް ރިޕޯޓާއި ފައިނޭންޝަލް ރިޕޯޓްތައް ވެސް ދެން ހުށަހަޅަން ޖެހޭނީ މީރާ އަށް އެކަނި ކަމަށް ސައީދު ވިދާޅުވި އެވެ.

"ހަމަ އެއް މަސައްކަތެއް ތަކުރާރުކޮށް ކުރަން ޖެހޭ ކުރުމަށް ނިމުމެއް މިއައީ،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ވޯލްޑް ބޭންކްގެ ޑުއިން ބިޒްނަސްގައި ރާއްޖޭގެ ރޭންކިން ދަށަށް ދާން ދިމާވި އެ އްމަސަލައަކީ ވެސް އެއީ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔަޒީދު ވިދާޅުވީ ކުދި ވިޔަފާރިތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް މިހާރު ވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށެވެ. އަދި މީރާގެ ޕޮލިސީތައް ބޮޑަށް ބައްޓަން ކުރަނީ އިގުތިސާދު ފުޅާކުރަން ކުދި ވިޔަފާރިތަކުން ކުރާ މަސައްކަތްތަކަށް އެހީތެރި ވުމަށް ކަމަށް ވެސް ޔަޒީދު ވިދާޅުވި އެވެ. ޔަޒީދު އަދި ވިދާޅުވީ ކުދި ވިޔަފާރިތަކަށް ދިމާވާ މައްސަލަތަކަށް ހައްލެއް ހޯދައިދެވޭނީ އެކަމުގެ ޝަކުވާތައް މިރާއާ ހަމައަށް ގެނައުމުން ކަމަށާއި ގޭގޭގައި ނުތިބެ ކޮންމެ މައްސަލައެއް ދިމާވި ނަމަވެސް އެކަމުގެ ޝަކުވާ މީރާއާ ހަމައަށް ގެނެސްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިކޮނަމިކް މިނިސްޓްރީގެ ރަޖިސްޓްރާ އޮފް ކޮންޕެނީޒް އަދި ޑެޕިއުޓީ މިނިސްޓަރު މަރިޔަމް ވިސާމް ވިދާޅުވީ އެއްބަސްވުމުގެ ސަބަބުން ރަޖިސްޓްރީކޮށްފައިވާ 14000 އަށް ވުރެ ގިނަ ކުންފުންޏަށް އެ އެއްބަސްވުމުގެ ސަބަބުން ބޮޑެތި ފއިދާތަކެއް ކުރާނެ ކަމަށެވެ.