01 Jun 2015, 14:29
ސައްހަ ޑޮކިއުމަންޓެއް ނެތި ރާއްޖެއަށް މިއަހަރު އެތެރެވާން މަސައްކަތްކުރި 557 މީހަކު ރާއްޖެއަށް އެތެރެވިޔަ ނުދީ ވަގުތުން ފޮނުވާލައިފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.
އިމިގްރޭޝަނުން ބުނީ މިއަހަރުގެ ޖެނުއަރީން ފެށިގެން މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް ރާއްޖެ އެތެރޭވާން މަސައްކަތް ކުރި އެ 526 މީހުންނަކީ އެމްޕޯއިމަންޓް އެޕްރޫވަލް ނެތި އެތެރެވާން މަސައްކަތް ކޮށްފައިވާ ބިދޭސީން ކަމަށެވެ. އަދި އެމީހުންގެ ތެރެއިން 31 މީހަކު އަނބުރާ ފޮނުވާލީ ފޯޖްކޮށްފައިވާ ޕާސްޕޯޓްގައި ރާއްޖެ އައުމާ ގުޅިގެންނެވެ.
މީގެ އިތުރުން މިއަހަރުގެ މިހާތަނަށް ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅުނު 2082 ފަރާތެއް ވަނީ އަނބުރާ ގައުމަށް ފޮނުވާލައިފަ އެވެ. އަދި އޭގެތެރެއިން 101 މީހުންނަކީ ޖިނާޢީ މައްސަލަތަކާއި ގުޅިގެން ޑީޕޯޓްކޮށްފައިވާ މީހުންނެވެ. އަދި 1401 މީހުންނަކީ އަމިއްލައަށް އެދިގެން އިމިގްރޭޝަނާ ހަވާލުވެގެން ފުރުވާލާފައިވާ މީހުންނެވެ. އަމިއްލަ އަށް އެދިގެން ހަވާލުވި މީހުންގެ ތެރެއިން 97 ފަރާތަކީ ހާލުގައި ޖެހިގެން އިމިގްރޭޝަނާ ހަވާލުވެފައިވާ މީހުން ކަމުގައިވާތީ އެ މީހުން ފުރުވާލީ އެއްވެސް އަދަބެއް ދިނުމެއް ނެތި ކަމަށާއި އަދި 56 މީހަކު ފުރުވާލީ ސިއްހީ ގޮތުން ވަޒީފާ އަދާކުރުމަށް ތަންނުދޭތީ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަންގެ ކޮންޓްރޯލާ މުހައްމަދު އަންވަރު -- ސަން ފޮޓޯ އަލީ ނަސީރު
އިމިގްރޭޝަންގެ ކޮންޓްރޯލަރު މުހައްމަދު އަންވަރު މިއަދު މީޑިއާތަކަށް ވިދާޅުވީ އިމިގްރޭޝަނުން މިހާރު އެންމެ އިސްކަމެއް ދީގެން ކުރަމުން ގެންދާ މަސައްކަތަކީ ރާއްޖޭގެ މައިގްރޭޝަން ހަރުދަނާ ކުރުމަށް ކުރަމުން ގެންދާ މަސައްކަތްތައް ކަމަށެވެ. އެގޮތުން މިހާރު ވެސް ގިނަ ޕްރޮގްރާމްތަކެއް ހިންގަން ފަށައިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
"ގިނަ މީހުން ނެގޭއިރު ޓްރެވަލް ޑޮކިއުމަންޓެއް ވެސް ނޯވޭ، ދެން އަޅުގަނޑުމެން މިޖެހެނީ އެމީހެއްގެ ގައުމެއްގެ ހައިކޮމިޝަނަކާ ވާހަކަދައްކައިގެން އެމީހެއްގެ ޑޮކިއުމަންޓް ހޯދަން، އޭގަވެސް އެބައުޅޭ ލިމިޓޭޝަންތަކެއް، ނަމަވެސް މިއަދު ކުންފުނިތަކާ އެކު ފެށި ޕްރޮގްރާމްގެ ދަށުން މިއަހަރު ނިމެންވާއިރަށް މިގޮތަށް އުޅޭ މީހުން ފޮނުވާލެވޭތޯ މިބަލަނީ،" އަންވަރުވިދާޅުވި އެވެ.
އިމިގްރޭޝަނުން ލޭބާ މައިގްރޭޝަން ނިޒާމް ހަރުދަނާ ކުރުމަށް ކުރަމުން ގެންދާ މަސައްކަތުގެ ދަށުން ބިދޭސީ މަސައްކަތްތެރިންނާއި އެމީހުންނަށް ވަޒީފާދޭ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރުމަށް މަސައްކަތްތަކެއް ގެންދަނީ ކުރަމުންނެވެ. އަދި ކޮމްޕްރިހެންސިވް ހެލްތް އިންސުއަރެންސް ޕްލޭނެއް މުޅި ރާއްޖެއަށް ވަނީ ތައާރަފްކޮށްފަ އެވެ.
މީގެއިތުރުން ވަޒީފާ އާށް އަންނަ ބިދޭސީން ޕްރީ-އެންޓްރީ ހެލްތް ސްކްޜީނެއް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ރާއްޖެ އަންނަ ބިދޭސީންނަކީ އެ މީހުން ނިސްބަތްވާ ގައުމުތަކުގައި ގާއިމްކޮށްފައިވާ ލޭބާ މައިގްރޭޭޝަން ނިޒާމްގެ ތެރެއިން ވަޒީފާއަށް އަންނަ ފަރާތްތަކެއްތޯ ބެލުމަށް ވަނީ ހަމަޖައްސައިފަ އެވެ.