01 Jun 2015, 14:00
އެޕޮއިންޓްމެންޓް ހެއްދުމަށާއި ކިއުތަރުތީބު ބެލުމަށް އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލުން ފަސޭހަ އިންތިޒާމެއް ހަމަޖައްސައިފި އެވެ.
ހިދުމަތް ލިބިގަތުމުގައި އާއްމުންނަށް ފަސޭހަ ކޮށްދިނުމަށް އައިޖީއެމްއެޗުން މިއަދު ތައާރަފްކުރީ އެ ހޮސްޕިޓަލުގެވެބްސައިޓާއިއެންޑްރޮއިޑްއެޕްލިކޭޝަނެއްމެދުވެރިކޮށް އެޕޮއިންޓްމެންޓް ހެދުމުގެ ނިޒާމަކާއި އެސް އެމްއެސް މެދުވެރިކޮށް ކިއުތަރުތީބު ދެނެގަތުމުގެ ނިޒާމެކެވެ.
މިއަދު ހިދުމަތް ދޭން ފެށި އެންޑްރޮއިންއެޕްލިކޭޝަންގެ މެދުވެރިކޮށް، ކިއު ނަމްބަރާއި އެޕޮއިންޓްމަންޓް ހޯދުމަށް ވެއިޓިން ލިސްޓްގައި ޖެހެވޭނެ އެވެ. އެ ހިދުމަތްއެޕްލިކޭޝަނުންލިބޭނީ އައިޑީކާޑު ނަމްބަރާއި ފޯން ނަމްބަރު ހިމަނައިގެން ރަޖިސްޓްރީވެގެންނެވެ. ރަޖިސްޓްރީ ފުރިހަމަ ކުރުމަށް އެ ހޮސްޕިޓަލުން ފޯނަށް އެސްއެމްއެސް ފޮނުވާނެ އެވެ.

އައިޖީއެމްއެޗްގެ އާ އެޕްލިކޭޝަން މީހަކު ބޭނުން ކުރަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ
ހިދުމަތް ފަސޭހަ ކުރުމަށް ގެނައި ބަދަލުތަކާ ބެހޭ ގޮތުން މައުލޫމާތު ދެއްވުމަށް އައިޖީއެމްއެޗުގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން ޑެޕިއުޓީ ޑިރެކްޓަ އޮފް އޮޕަރޭޝަންސް މުހައްމަދު ރިޝްވާން ވިދާޅުވީ ކިއުގައި މީހުން ތިބެން ޖެހުމަކީ ރައްޔިތުން އުފުލަން ޖެހިފައިވާ ވަރަށް ބޮޑު ތަކުލީފެއްކަން ކުރިން ވެސް ފާހަގަވެފައިވާ ކަމަށެވެ.
"...ފާއިތުވި އަށް ވަރަކަށް މަސް ދުވަހު އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އައީ ކޮބައިތޯ އަޅުގަނޑުމެންނަށް، މި ރައްޔިތުން ކިއުގައި މަޑުކުރުމަށް ފަސޭހަ ކުރަން ގެނެވޭނެ ހައްލަކީ ކޮބައިތޯ ބެލުމަށް. އެގޮތުން ބަލާފައި އަޅުގަނޑުމެންނަށް އެންމެ ބޮޑަށް ފާހަގަކުރެވުނީ އަޅުގަނޑުމެން އެންމެން ވެސް މި ބޭނުންކުރާ ޒަމާނީ ވަސީލަތްތައް މީގެ ތެރެއަށް ވެއްދުން،" ރިޝްވާން ވިދާޅުވި އެވެ.
ވެބްސައިޓާއި އެންޑްރޮއިޑް އެޕްލިކޭޝަން މެދުވެރިކޮށް އެޕޮއިންޓްމެންޓް ހޯދުމަށް ވެއިޓިން ލިސްޓްގައި ޖެހުމުގެ އިންތިޒާމު ހަމަޖެއްސުމުގެ އިތުރުން ހޮސްޕިޓަލަށް ގުޅައިގެން އެޕޮއިންޓްމެންޓް ހެއްދުމުގެ ކަންތައް ފަސޭހަ ކުރުމަށް ކޯލް ސެންޓަރެއް ވެސް ވަނީ ގާއިމްކޮށްފަ އެވެ. އަދި އެހޮސްޕިޓަލަށް ގުޅުމަށް ހުރި ލައިންގެ އަދަދު 30 އަށް ވަނީ އިތުރުކޮށްފައިވާ ކަމަށް ރިޝްވާން ވިދާޅުވި އެވެ.
"...އަޅުގަނޑުމެން މިއަދު މި ފެއްޓީ ކޯލް ސެންޓަރެއް. އެކޯލް ސެންޓަރުގެ އަދި ވަރަށް ޅަފަތުގެ ހަރުފަތެއްގައި މި އޮތީ. އެހެންވީމާ އަޅުގަނޑުމެން މަސައްކަތްކުރަމުން މިދަނީ އެ ކޯލް ސެންޓަރު އިތުރަށް ތަރައްގީ ކުރަން. އިރާދަ ކުރެއްވިއްޔާ ކޯލް ސެންޓަރު ތަރައްގީ ކުރާކަށް ނުނަގާނެ އެއްމަސް ދެމަހެއް،" އޭނާ ވިދާޅުވި އެވެ.

އައިޖީއެމްއެޗްގެ ސީއީއޯ ފަރުހަތު ޝަހީރާއި އެހެން ބައެއް އިސް ބޭފުޅުން މިއަދު މީޑިއާއަށް މައުލޫމާތު ދެއްވަނީ. ސަން ފޮޓޯ: މުޙައްމަދު ނަސީމު
އައިޖީއެމްއެޗުން ތައާރަފް ކުރި އާ ހިދުމަތްތަކަށް އާއްމުން އަހުލުވެރި ކުރުމަށް އެހޮސްޕިޓަލުން ވަނީ "ފަސޭހަ ހިދުމަތް"ގެ ނަމުގައި ކެމްޕޭނެއް ފަށައިފަ އެވެ. އެގޮތުން އާ ވެބްސައިޓާއި އެޕްލިކޭޝަނާ ބެހޭ މައުލޫމާތު މީހުންނަށް ކިޔައިދިނުމަށް ހޮސްޕިޓަލު ތެރޭގަޔާއި މީހުން އެއްވާ ބައެއް އެހެން ތަންތަނުގައި މުވައްޒަފުންތަކެއް އަންނީ ހަރަކާތްތެރިވަމުންނެވެ.
އައިޖީއެމްއެޗުން ބުނީ މިއަދު ތައާރަފްކުރި ހިދުމަތްތަކަށް މައްސަލަތަކެއް ދިމާވުމަކީ އެކަަށީގެންވާ ކަމެއް ކަމަށާއި ކުރިއަށް އޮތް މަދު ދުވަސްތަކެއްގެ ތެރޭގައި މައްސަލަތައް ހައްލުކުރާނެ ކަމަށެވެ.
އޮންލައިންކޮށް އެޕޮއިންޓްމެންޓް ހެއްދުމަށާއި ކިއު ތަރުތީބު ބެލުމަށް އައިޖީއެމް އެޗްގެ ވެބްސައިޓަށް މިއަދު ނުވަދެވޭކަން ވަނީ ފާހަގަވެފައެވެ. ނަމަވެސް އެންޑްރޮއިޑް އެޕްލިކޭޝަން ރަނގަޅަށް މަސައްކަތް ކުރެއެވެ.