ރާއްޖެއަށް މިނިވަންކަން ލިބުނުތާ 50 އަހަރު ފުރުމުގެ ގޮތުން މިނިވަން 50ގެ ދަތުރު ބޯޓު ކަޅުއޮށްފުއްމީގެ ނަމުގައި ބަނދެ މި އޯގަސްޓު މަހުގެ ތެރޭގައި ބަނދެ ނިމޭނެ ކަމަށް މިނިވަން 50 އޮފީހުން ބުނެފިއެވެ.

މިނިވަން 50 އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސަލީމް (މާޒު ސަލީމް) ވިދާޅުވީ، ކަޅުއޮށްފުއްމި އަސްލަކަށް ބަލައިގެން އޭގެ ނަކަލެއްގެ ގޮތުގައި ތައްޔާރު ކުރާ އެ ދޯނި އޯގަސްޓުގައި ބަނދެ ނިމޭއިރު އޭގެ ދިރާސާގެ މަސައްކަތް ވަނީ މިހާރު ނިމިފައި ކަމަށެވެ.

"ކަޅުއޮށްފުއްމި އަސްލަކަށް ބަަލައިން އޭގެ ނަކަލެއްގެ ގޮތުގައި ތައްޔާރު ކުރާ މި ދޯނީގެ ދިރާސާގެ މަސައްކަތް ވަނީ މިހާރު ނިމިފައި. އެ ކަމަށް ގިނަ ދިރާސާތަކެއް ކުރަން ޖެހުނު. އެ ދިރާސާއަށް ވެސް ގާތްގަނޑަކަށް ދެމަސް ދުވަހަށްވުރެ ގިނަ މުއްދަތެއް ވެސް ވަނީ ނަގާފައި. އެހެން ކަމުން އަޅުގަނޑުމެން މި އުއްމީދު ކުރަނީ އޯގަސްޓު މަހުުގެ ތެރޭގައި ބަނދެ ނިމޭނެ ކަމަށް،" އޭނާ ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ މިހާރު އެ އޮޑި ބަނުމަށް ކުރަން ޖެހޭ ކަންތައްތައް ވަނީ ހަމަ ޖެހިފައި ކަމަށާއި އެގޮތުން އެކަމަށް ބޭނުންވާ ވަޑިން ހަމަޖެހިފައިވާއިރު ލަކުޑި ހޯދުމުުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެގޮތުން ރުށް ލަކުޑި ހޯދާ ނިމިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވަޑިންނާއެކު އެ އޮޑި ބަނުމުގެ މަސައްކަތް އަމަލީގޮތުން އަންނަ މަހުގެ ތެރޭގައި ފެށޭނެ ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ. އެ އޮޑީގެ މަސައްކަތް ކުރުމާއި ދަތުރުތަކަށް ދޭން ޖެހޭ ފައިސާ އާއި ވަޑިންނަށް އަދި އެހެން ގޮތް ގޮތުން ދޭން ޖެހޭ ހަރަދުތަކަށް ޖުމްލަ 1،500،000 ރުފިޔާ އަރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިވަން 50 އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: އަލީ ނަސީރު

ކަޅުއޮށްފުުއްމީގެ ދިރާސާ ކުރުމަށާއި އެ ބަނުމުގެ މަސައްކަތް ކުރުމަށް މިއަދު ބަޔަކާ ހަވާލު ކޮށްފައިވާއިރު އެ މަސައްކަތް ނިންމުމަށް ހަވާލު ކޮށްފައި ވަނީ މެރިޓައިމް އެންޑް އަންޑަވޯޓާ ހެރިޓޭޖް ސޮސައިޓީ އޮފް މޯލްޑިވްސް އާއެވެ.

އެ އެއްބަސްވުމުގައިވާ ގޮތަށް އެ އޮޑި ބަނދެ ނިންމުމަށްފަހު މިނިސްޓްރީ އޮފް ހޯމް އެފެއާޒްއާ ހަވާލު ކުރަން ޖެހޭނެއެވެ.