ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން މަދުކުރުމާ ބެހޭ ޕްރޮގްރާމެއް އިމިގްރޭޝަނުން ފަށައިފި އެވެ.

ސިޓްރަން ރެސްޓޯރަންޓްގައި މިއަދު ބޭއްވި ބައްދަލުވުމުގައި އިމިގްރޭޝަނުން ކުރިއަށް ގެންދާ އެ ޕްރޮގްރާމްގައި ބައިވެރިވެރިވުމުގެ ފުރުސަތު އިމިގްރޭޝަނުން ދީފައިވާ ކުންފުނިތަކާ އެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

އިމިގްރޭޝަނުން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ އަލީ ނަސީރު

އެ ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ލޭބާ މައިގްރޭޝަން ނިޒާމް ހަރުދަނާކޮށް، ސައްހަ ލިޔެކިޔުމެއް ނެތި ރާއްޖޭގައި ގަވާއިދާ ހިލާފަށް ވަޒީފާ އަދާކުރަމުންގެންދާ ބިދޭސީން ވަކި މުއްދަތަކަށް ރާއްޖޭގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ދިނުމެވެ. އެގޮތުން މި ޕްރޮގްރާމްގެ ދަށުން އިމިގްރޭޝަނާ އެކު ސޮއިކުރި ކުންފުނިތަކަށް އެ ވަގުތަކަށް ބޭނުންވާ އަދަދަކަށް ބިދޭސީން ފޯރުކޮށް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އިމިގްރޭޝަނުން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ އަލީ ނަސީރު

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ލޭބާ މެޖޭންމަންޓް މައްސަލަ ހައްލުކުރުމަށް މިސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެކަމުގެ ނަތީޖާ މިހާރު ފެންނަން ފަށައިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ވަރަށް ބޮޑަށް ހައްލުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

އިމިގްރޭޝަނުން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ އަލީ ނަސީރު

"ކޮންސްޓްރަކްޝަން އިންޑަސްޓްރީ އާއި މަޓީއާ އަދި ކުދި ކުންފުނިތަކާ އެކު ސަރުކާރުން ކުރި މަޝްވަރާތަކުގެ އަލީގައި މުޅި ލޭބާ މެޖޭންމަންޓަށް ހައްލެއް ލިބޭނެ ދުރުރާސްތާ އަދި މެދު ރާސްތާ އަދި ކުއްލިއަކަށް އެޅޭނެ ފިޔަވަޅުތަކާ ބެހޭ ޕްލޭންތަކެއް ވަނީ ހެދިފައި،" ސައީދު ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި އިމިގްރޭޝަންގެ ކޮންޓްރޯލާ މުހައްމަދު އަންވަރު މިއަދު ވިދާޅުވީ މި ޕްރޮގްރާމްގައި ބައިވެރިވެފައިވާ ކުންފުނިތަކަށް ބޭނުންވާ ބިދޭސީން ރާއްޖެ އިން ބޭރުން ގެނައުމުގެ ބަދަލުގައި މިހާރު ވެސް ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ފޯރުކޮށްދެވޭނެ އެވެ.

"ވަރަށް ގިނައިން އެބައުޅޭ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން. އެހެންވެ އަޅުގަނޑުމެން މި ބެލީ އިގުތިސާދީ ބޮޑެތި ކުންފުނިތަކަށް ބޭނުންވާ ބިދޭސީން ރާއްޖެ އިން ބޭރުން ގެނައުމުގެ ބަދަލުގައި ރާއްޖޭގައި އުޅޭ ބިދޭސީން ރެގިލައިޒްކުރުވިގެން ގަވާއިދާ އެއްގޮތަށް އެކުންފުނިތަކާ އެކު މަސައްކަތް ކުރާ ގޮތަށް،" އަންވަރު ވިދާޅުވި އެވެ.

އިމިގްރޭޝަނުން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ އަލީ ނަސީރު

އިމިގްރޭޝަނުން މިއަދު ފެށި މި ޕްރޮގްރާމްގައި ބައިވެރިވެފައިވާ ކުންފުނިތަކަކީ އަމީން ކޮންސްޓްރަކްޝަނާއި އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑާއި ހޮޓެލް އެންޑް ރިސޯޓް ކޮންސްޓްރަކްޝަންގެ އިތުރުން ޗައިނާގެ ކުންފުންޏެކެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު އެހެން ކުންފުނިތަކަށް ވެސް ހުޅުވިފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ އަލީ ނަސީރު

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޮޓެލް އެންޑް ރިސޯޓް ކޮންސްޓްރަކްޝަންގެ ޗެއާމަން މުހައްމަދު އަލީ ޖަނާހު މިއަދު ވިދާޅުވީ ރާއްޖޭގައި ލޭބަރު މެނޭޖްމަންޓްގެ މައްސަލަތަކަކީ ޒަމާންތަކެއް ވަންދެން ހައްލުނުވެ އޮތް މައްސަލައެއް ކަމަށެވެ.

"މި ޕްރޮގްރާމަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އެޅުނު އެންމެ މުހިންމު އެއް ފިޔަވަޅު،" ޖަނާހު ވިދާޅުވި އެވެ.

ރާއްޖޭގައި ގަވާއިދާ އެއްގޮތަށް މަސައްކަތް ކުރާ ބިދޭސީންގެ އަދަދު 94،000 އަރާފައިވާއިރު ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު 30،000 އަށް އަރާނެ ކަމަށް އިމިގްރޭޝަނުން މިއަދު ވަނީ ބުނެފަ އެވެ.