މާލޭގެ ގެއަކުން ވައްކަންކުރި މީހަކު ދެ އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

މ. ޝުއާއު، ހުސައިން އާތިފްގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ 2013 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހުގެ ރޭ 7:05 އެހާކަންހާއިރު މއ. ރީނދޫމާގޭ ހުޅަނގުބައިން ވައްކަންކުރި މައްސަލައާ ގުޅިގެންނެވެ.

އޭނާ އެގެއިން ވަގަށް ނަގާފައިވަނީ ދެ ސްޕީކަރާއި ޑީވީޑީ ޕްލޭޔަރަކާއި ރިސީވަރަކާއި އޭގެ ރިމޯޓާއި އެތަކެތި ގުޅާފައިވާ ކޭބަލްތަކެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ ހަމައެރޭ މއ. ޝާޒީބްލޫގޭގެ ކުރިމަތިން އާތިފް ދަނިކޮށް ފުލުހުން އޭނާ ހުއްޓުވައި ބަލައިފާސްކުރި އިރު އޭނާގެ އަތުގައި އޮތް ދަބަހުން ވަގަށްނަގާފައިވާ ތަކެތި ފެނިފައިވާކަން ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

މިއީ އާތިފްގެ މައްޗަށް ވައްކަމުގެ ކުށެއް ސާބިތުވި ފުރަތަމަ ފަހަރު ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.