މިއަހަރުގެ ފިތުރު އީދުގައި ބާއްވާ ބައިބަލާ މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް އެއް ލައްކަ ރުފިޔާ ދޭގޮތަށް ހަމަޖައްސައި މުބާރާތް އިއުލާންކޮށްފިއެވެ.

އިއްޔެ ދަރުބާރުގޭގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ބައިބަލާ އެސޯސިއޭޝަންގެ ރައީސް އަޙްމަދު އައްސަދު ވިދާޅުވީ އަހަރުތަކެއްގެ މެދު ކެނޑުމަކަށްފަހު 2010 ވަނަ އަހަރު މުބާރާތް އަލުން ބާއްވަން ފެށީވެސް ބަދަލުތަކާއެކުގައި ކަމަށާއި އެއަށްފަހު އަހަރުން އަހަރަށް މުބާރަތުގެ އިނާމަށް ބަދަލުތަކެއް ގެނެސްފައިވާނެ ކަމަށެވެ.

މިއަހަރުގެ މުބާރާތްތުގައި ބައިވެރިވުމަށް ފޯމް ދޫކުރަންފަށާނީ މިމަހު 20 ވަނަ ދުވަހުއެވެ. އަދި ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ ޖުލައި 10 ވަނަ ދުވަހެވެ.

މިއަހަރުގެ މުބާރާތްވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަލިމަސް ކާނިވަލް ސަރަހައްދުގައެވެ.

އައްސަދު ވިދާޅުވީ މީގެ ކުރިން ބައިބަލާ މުބާރާތަމެދު އާންމުން ދެކެނީ ރަނގަޅު ވިސްނުމަކުން ނޫންކަމަށާއި ނަމަވެސް ބައިބަލާ މުބާރާތާމެދު އަދި ބައިބަލާ ޓީމްތަކާ މެދުވެސް އާންމުންގެ ވިސްނުން މިހާރު ރަނގަޅު ވަމުންއަންނަކަމަށެވެ.

އެގޮތުން ބައިބަލާ މުބާރާތުގެ ޕްރެކްޓިސްއާއި މުބަރާތް އޮންނަ ދުވަސްކޮޅު މާލެ ތެރޭގައި ކުށްކުރުން މަދުވެގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަހަރުގެ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ފިތުރު އީދު ފުރަތަމަ ދުވަހުއެވެ.

މިދިޔަ އަހަރުގެ މުބާރާތުގައި 45 ޓީމް ބައިވެރިވެފައިވާއިރު ޗެމްޕިއަންކަން ހޯދާފައިވަނީ ބީޖީ ސްޕޯޓްސްއެވެ.