ރާއްޖެ އަށް އިސްލާހީ ބަދަލެއް ގެނެވޭނީ ކެނެރީގޭ މުހަންމަދު ނަޝީދުގެ ވެރިކަން ނިމުމަކަށް ގެނެސްގެން ކަމަށް ކުރީގެ ބަންޑާރަ ނައިބު ކަމާއި އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވައި ކުރީގެ ސަރުކާރު ނިމުމަކަށް ގެނައުމަށް އިސް ދައުރެއް އަދާކުރެއްވި، އަލަށް އުފައްދާ މޯލްޑިވްސް ރިފޯމް މޫވްމަންޓުގެ (އެމްއާރުއެމް)ގެ އެންމެ އިސްވެރިޔާ ޑރ. މުހަންމަދު މުނައްވަރު ރޭ ވިދާޅުވެއްޖެ އެވެ.

އެމްއާރުއެމް އުފެއްދުމަށް ރޭ ދަރުބާރުގޭގައި ބޭއްވި އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. މުނައްވަރު ވިދާޅުވީ ދިވެހި ރައްޔިތުންގެ އިސްލާހީ ހަރަކާތް އުފެއްދުމުގެ ބޭނުމަކީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ވެރިކަން ނިންމާލުން ކަމަށާއި އެމްޑީޕީ ހަދައިގެން ނިކުތީ ވެސް އެ މަގުސަދުގައި، ކުރީގެ ސަރުކާރު ނިމުމަކަށް ގެނައުމަށް ކަމަށެވެ.

"..އެމްޑީޕީ ހަދައިގެން އެމްޑީޕީގައި މަސައްކަތް ކުރިއިރުގައި ،ދިވެހި ރައްޔިތުންނަށް އެމްޑީޕީގެ ފަރާތުން ކޮށްދޭނެ އެންމެ މުހިންމު ކަމަކީ މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަން ނިންމާލުމޭ. އަޅުގަނޑު މިހާރު ދަންނަވާލަން ބޭނުން ވަނީ އަޅުގަނޑުމެން އެމްއާރުއެމް ހަދައިގެން, ދިވެހި ރައްޔިތުންގެ އިސްލާހީ ހަރަކާތް ހަދައިގެން އަޅުގަނޑުމެން މި ނުކުންނަނީ އެ މަގުސަދުގައި[ މުހައްމަދު ނަޝީދުގެ ވެރިކަން ނިމުމަކަށް ގެނައުމަށް]. އަޅުގަނޑުމެންނަށް މިހާރު ދިވެހިރާއްޖެ އަށް އިސްލާހީ ބަދަލެއް ގެނެވޭނީ ނަޝީދުގެ ވެރިކަން ނިމުމަކަށް ގެނެސްގެން," ޑރ. މުނައްވަރު ވިދާޅުވި އެވެ.

ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޑރ. މުނައްވަރު ވިދާޅުވީ މި ސަރުކާރުން ވަނީ ރާއްޖޭގެ އިގުތިސޯދު ނަގައި ކޮޅަށް ޖަހައިދޭނެ ކަމަށް ވީ ވައުދު ފުއްދައިނުދެވި ފެއިލްވެފައި ކަމަށާއި އޭގެ ބަދަލުގައި މި ސަރުކާރުން ވަނީ ބޭރުގެ މަކަރުހަދާ ކުންފުނިތަކުގެ ސުވަރުގެއަކަށް މިރާއްޖެ ހަދާފައި ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ އިގުތިސޯދު ކޮޅަށް ނަގަން ބޭނުން ކަމުގައިވާ ނަމަ މި ސަރުކާރުވީ އެންމެ އަވަހަކަށް ނިމުމަކަށް ގެންނަން ޖެހިފައިވާ ކަމަށެވެ.
"އެއްކަލަ ކުރިން ވިދާޅުވި އައިސްކްރީމް ތަށި ބޯލެވެން ދާން އެބަޖެހޭ ކޮންމެ މީހަކަށް. އެ އައިސްކްރީމް ތައްޓަކީ ހުވަފެނަކަށް ވެގެން ދިޔައީ. އަޅުގަނޑަށް ހީވަނީ އަތް ނުފޯރަނީސް އެހެން އެއްޗަކަށް ބަދަލުވެގެން ދިޔައީ ކަން ނޭނގޭ," ޑރ. މުނައްވަރު ވިދާޅުވި އެވެ.

އެމްޑީޕީ ސަރުކާރުގެ އިގުތިސޯދީ ސިޔާސަތަށް ފާޑުވިދާޅުވަމުން ޑރ. މުނައްވަރު ވިދާޅުވީ ދިވެހި ރުފިޔާގެ އަގު ވަނީ ދަށަށް ގޮސްފައި ކަމަށާއި ދިވެހި ފައިސާގެ އަގަކީ މިއަދު ނެތް އެއްޗެއްކަމަށެވެ. އަދި ވިދާޅުވީ މި ސަރުކާރުގެ އަމަލުތައް ހުރީ ހުރިހާ ކަމެއްވެސް ކޯޓަށް ގޮސްގެން ނިންމަން ޖެހޭ ހިސާބުގައި ކަމަށާއި ރައްޔިތުން އެމީހުންގެ ހައްގު ހޯދަން ޖެހެނީ ވެސް ކޯޓުން ކަމަށެވެ.

"އަޅުގަނޑުމެންނަށް ރައްޔިތުންގެ ހައްގު ހޯދަން ވެއްޖިއްޔާ އަޅުގަނޑުމެންނަށް ޖެހެނީ ސަރުކާރުގެ ބާރާ ކުރިމަތިލާން. އެކަން ހައްލު ނުވެއްޖިއްޔާ އަޅުގަނޑުމެންނަށް ޖެހެނީ އަނެއްކާ ވެސް ޝަރީއަތަށް ދާން. ކޯޓަކަށް ގޮސް ކޯޓް އަމުރެއް ނެރެން. އެހެންވީމަ މުޅި ދައުލަތް ހިންގުމުގެ ނިޒާމް އޮޅިގެން ދިޔައީ. ވެދާނެ ފަހަރެއްގައި ދައުލަތް ހިންގުމުގެ ވައްޓަފާޅި ނުވަތަ އޭގެ ފަންނު ނޭނގޭ ބަޔަކާ ހަވާލުވީ ކަމަށް ވެސް. އެހެން ނަމަވެސް އެނގެނީ ހަމަ ދައުލަތް ހިންގުމުގެ އެއްވެސް ކަމެއް ނެތްކަން," ޑރ. މުނައްވަރު ވިދާޅުވި އެވެ.

އެމްއާރުއެމް އުފެއްދުމަށް ތަފާތުގޮތް ގޮތުން ދަތިތައް ކުރިމަތިކުރަމުން އަންނަ ކަމަށް ވިދާޅުވަމުން މުނައްވަރު ވިދާޅުވީ ޕާޓީ އުފެއްދުމަށް ހުރަސްތަކެއް ކުރިމަތިކޮށްފި ނަމަ އެހެން ޕްލެޓްފޯމެއްގައި ނަމަވެސް މި ސަރުކާރު ވީއެންމެ އަވަހަކަށް ނިމުން ގެންނާނެ ކަމަށެވެ.

"ސިޔާސީ ޕާޓީގެ ފޯރި ކުޑަ ދުވަސްކޮޅެއްކަން އިނގޭ. އެކަމަކު ވެސް އަޅުގަނޑުމެން ބޭނުންވަނީ އެ ފޯރި އިތުރު ކޮށްލަން. ދެހާސް ފަސް ވަނަ އަހަރުގައި ސިޔާސީ ޕާޓީ ހެދި ފޯރި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގެންނާނަން. އެ ގެނެވޭނީ މަސައްކަތުން. އެ މަސައްކަތް ކުރުމަށް ތައްޔާރުވެގެން މި ތިބީ،" ޑރ. މުނައްވަރު ވިދާޅުވި އެވެ.