އެޕާޓްމަންޓެއް ކުއްޔަށްދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން މީހެއްގެ އަތުން 30،000 ރުފިޔާ ނެގި މީހަކު ފަސް އަހަރާއި ހަ މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ސ. މަރަދޫ ނަޔާ މުހައްމަދު ނަޒީލްގެ މައްޗަށް އެ ހުކުމް އިއްވާފައި ވަނީ ހ. ސިތާރާވާދީ ފުރަތަމަ ފަންގިފިލާގެ ތިން ކޮޓަރީގެ އެޕާޓްމަންޓް ކުއްޔަށްދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ނެގި މައްސަލައަކާ ގުޅިގެންނެވެ.

އޭނާ ވަނީ ޝަރީއަތުގެ މަޖިލީހުގައި ދައުވާ އަށް އިއުތިރާފުވެފައެވެ. މަކަރާއި ހީލަތުން ނަޒީލް ހޯދާފައިވާ ފައިސާ އޭގެ ވެރިފަރާތަށް ރައްދުކުރުމަށްޓަކައި އެފައިސާ އޭނާގެ އަތުން ހޯދުމަށް ދައުލަތުން ވަނީ ކޯޓުގައި އެދިފައެވެ.

ނަމަވެސް އެފައިސާ ބޭނުން ނޫން ކަމަށް އޭގެވެރިފަރާތުން ޝަރީއަތުގައި ބުނެފައިވާތީ އެފައިސާ ނަޒީލްގެ އަތުން ނަގައިދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމްގައި ވެއެވެ.