01 Jun 2015, 10:18
ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ހިންގި ތަފާތު ދެ އޮޕަރޭޝަނެއްގައި ބަނގުރާފުޅިތަކަކާ އެކު ދެ މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ބަނގުރަލުގެ ތަފާތު ދެ މައްސަލައަކާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ އުމުރުން 20 އަހަރުގެ މީހަކާއި 38 އަހަރުގެ މީހެއް ކަމަށެވެ.
އެ ދެމީހުންގެ ތެރެއިން 20 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހުގެރޭ 9:25ގައި ހުޅުމާލެ ކަންނެލި ޖެޓީ ސަރަހައްދުން ކަމަށް ފުލުހުން ބުނެ އެވެ. އަދި އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އޭނާގެ ހަށިގަނޑާއި އެވަގުތު ދުއްވަން އިން ސައިކަލް ބަލައި ފާސްކުރި އިރު ސައިކަލް މަޑި ދަށުން ބަނގުރާފުޅިއެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ބަނގުރަލުގެ ދެ ވަނަ މައްސަލައާ ގުޅިގެން އުމުރުން 38 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެރޭ 12:10ގައި ކަމަށް ފުލުހުން ބުނެ އެވެ. އަދި އޭނާ ހައްޔަރު ކުރީ ހުޅުމާލެ ޕެޓްރޯލް ޝެޑް ކައިރިން ސައިކަލު ދުއްވާފައި ދިޔައިރު އޭނާގެ ޢަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ އޭނާ ހުއްޓުވައި ބަލައި ފާސްކުރި އިރު، އެވަގުތު އޭނާ ލައިގެން ހުރި ފަޓުލޫނު ކުރިމަތީ ޖީބުން ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފުޅިއް ފެނިފައިވާ ކަމަށެވެ.
ބަނގުރަލުގެ އެ ދެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ތެރެއިން 38 އަހަރުގެ މީހާއަކީ ބަނގުރާ ބުއިމުގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެ އެވެ. އަދި 20 އަހަރުގެ މީހާއަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެ އެވެ.