01 Jun 2015, 10:03
ހިފާފައިވާ ގުދްސު (ޖޫން 1) : އިސްރާއީލުގެ އިސްތިޢްމާރާއި އަޅުވެތިކަމާ ދެކޮޅަށް ގައުފަދަ ތަކެތި ބޭނުންކުރާ ފަލަސްތީނުގެ ކުޑަކުދިންނާއި ޒުވާނުން 10 އަހަރަށް ޖަލަށްލުމުގެ ގޮވާލާ ގާނޫނެއް ފާސްކުރުމަށް އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫގެ ސަރުކާރުން މަސައްކަތް ފަށައިފި އެވެ.
އިސްރާއީލުގެ މީޑީޔާ ބުނާގޮތުން އިސްރާއީލުގެ އިސްތިޢްމާރީ ސިފައިންނާ ދެކޮޅަށް އޮއްގައު އުކާ ފަލަސްތީނުގެ ކޮންމެ މީހަކު 10 އަހަރަށް ޖަލަށް ލުމުގެ ގޮވާލާ ގާނޫނެއް ފާސްކުރުމަށް ޓަކައި އެކަމާ ބެހޭ ދެލިކޮޕީއެއް ތައްޔާރުކޮށް ޕާލަމެންޓަށް ހުށަހެޅުމަށް އިސްރާއީލު ސަރުކާރުގެ ކޮމިޓީއަކުން ވަނީ ނިންމާފަ އެވެ. އިސްރާއީލުން ފަލަސްތީނުގެ ހުރިހާ ބިންތަކެއް ހިފައި ފަލަސްތީނުގެ ރަށްޔިތުން އަޅުވެތިކޮށްގެން ހިންގަމުން ގެންދާ އަނިޔާވެރި އަދި އިސްތިޢްމާރީ ހަރަކާތްތަކާ ދެކޮޅަށް ކުރާ ޖިހާދުގެ ޙަރަކާތްތަކުގައި ފަލަސްތީނުގެ ޒުވާނުންނާއި ކުޑަކުދިން އެންމެ ގިނައިން ބޭނުންކުރާ ހަތިޔާރަކީ އޮއްގަލެވެ.
މިގާނޫނު ފާސްކޮށްފިނަމަ ފަލަސްތީނުގެ ކުޑަކުދިންނާއި ޒުވާނުންގެ ގިނަބަޔެއްގެ މައްޗަށް 10 އަހަރުގެ ޖަލުހުކުމްތައް އިސްރާއީލުގެ ކޯޓުތަކުން ކުރަންފަށާނެކަމުގެ ބިރުވަނީ ހީވެފަ އެވެ. އިސްރާއީލުގެ އިސްތިއުމާރާ ދެކޮޅަށް އޮއްގައު އުކާ ފަލަސްތީނުގެ ކޮންމެ މީހަކު 10 އަހަރަށް ޖަލަށްލުމުގެ ގޮވާލާ ގާނޫނެއް ފާސްކުރުމަށް އެންމެ ބޮޑަށް ބާރުއަޅަނީ ނަތަނިޔަހޫގެ ސަރުކާރުގައި ހިމެނޭ ޔަހޫދީ ހައްދުފަހަނަޅާފައިވާ ޕާޓީކަމަށް "ޔިސްރައީލް ބައިތުނާ" ޕާޓީއަށް ނިސްބަތްވާ ހައްދުފަހަނަޅާފައިވާ އަންހެނެއް ކަމަށްވާ އިލީތް ޝާކީދެވެ. ޝާކީދަކީ ނަތަނިޔަހޫގެ ސަރުކާރުގެ ޖަސްޓިސް މިނިސްޓަރެވެ.
އޮއްގައު އުކާ ފަލަސްތީނުގެ މީހުން 10 އަހަރަށް ޖަލަށްލުމުގެ ގޮވާލާ ގާނޫނުގެ ދެލިކޮޕީ އެކުލަވާލާ ސަރުކާރުގެ ކޮމިޓީގެ ރައީސާއަކީވެސް ޝާކީދެވެ. ޝާކީދުވަނީ ފަލަސްތީނުގެ ކުޑަކުދިންނަކީ ޅަ ހަރުފަ ތަކެއްކަމަށް ސިފަކުރައްވައި ފަލަސްތީނުގެ އަންހެނުންނަކީ ބުޅާ ވިހާހެން ވިހާ ނުރައްކާތެރި ބައެއްކަމަށް ސިފަކުރައްވާފައެވެ. (ނޫސްއެޖެންސީތައް)