ވޮޝިންޓަން (ޖޫން 1) : އެމެރިކާގެ ފުލުހުން ދުވާލެއްގެ މައްޗަށް ދެމީހުން މަރަމުން ގެންދާ ކަމަށާ އެމެރިކާގެ ފުލުހުންގެ އަނިޔާވެރިކަމާއި އިންސާނީ ހައްގުތަކަށް އަރައިގަންނަމުންދާ މިންވަރު އެމެރިކާގެ ރަސްމީ އިދާރާތަކުން ސިއްރުކުރަމުން ގެންދާކަމަށް އެގައުމުގެ ނޫހެއް ކަމަށްވާ ވޮޝިންޓަން ޕޯސްޓް ބުނެފި އެވެ.

ޕޯސްޓްގައި ޝާއިޢުކޮށްފައިވާ ރިޕޯޓެއް ބުނާގޮތުން މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން މިހާތަނަށް އެމެރިކާގެ ފުލުހުން އެގައުމުގެ ރައްޔިތުންގެ ތެރެއިން 285 މީހުން މަރާފައިވެ އެވެ. މިއީ އެވްރެޖްކޮށް ދުވާލަކު ދެމީހުންނަށް ވުރެ ވެސް ގިނައިން މެރުން ކަމަށް މިރިޕޯޓް ބުނެ އެވެ. އެމެރިކާގައި ކުރެވޭ މުޒާހަރާތައް ރޫޅާލުމަށް ބާރުގެ ބޭނުންކުރާއިރު ލައިވް އުންޑަ ބޭނުންކުރުމަކީ އެމެރިކާގެ ފުލުހުން އާންމުކޮށް ކުރާކަމެއް ކަމަށާއި ނަމަވެސް މީގެ ގިނަ ހާލަތްތަކަށް އެމެރިކާ ސަރުކާރުން އިޢްތިރާފް ނުވާއިރު އެމެރިކާގެ ފުލުހުން ހިންގާ އަނިޔާވެރި އަމަލުތައް ބަލާ އިންޓަގްރިޓީ އިދާރާއިން ވެސް މިކަންކަމާމެދު އަޅާނުލާ ކަމަށް މިރިޕޯޓް ބުނެ އެވެ.

ވޮޝިންޓަން ޕޯސްޓްގައިވާ މިރިޕޯޓަކީ ސާވޭއާއި ދިރާސާތަކުގެ އަލީގައި ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ. މިރިޕޯޓަށް ބޭނުންވާ ޑޭޓާ އެއްކުރުމުގައި ފުލުހުންގެ އަނިޔާވެރިކަމުގައި މަރުވާމީހުންގެ އާއިލާތަކާ ބައްދަލުކުރުމާއި މުޒާހަރާތައް ކަވަރުކުރާ ރިޕޯޓަރުންނާ ބައްދަލުކުރުމުގެ އިތުރުން އެމެރިކާ ފުލުހުން ދެފަހަރު ދެގޮތަށް ދީފައިވާ ބަޔާންތަކާއި ފުށުއަރާގޮތަށް ނެރެފައިވާ ޕޮލިސް ރިޕޯޓްތައް ބަލައި ތަހްލީލްކޮށްފައިވެއެވެ. އަދި މުޒާހަރާތައް އިންތިޒާމް ކުރާ އެކްޓިވިސްޓުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުގެ މަސްއޫލުވެރިންނާ އަދި އެމެރިކާގެ ފުލުހުންގެ މުއައްސަސާތަކުން ރިޓަޔަރ ކޮށްފައިވާމީހުންނާ ބައްދަލުކޮށް މައުލޫމާތު ސާފުކޮށްފައިވެއެވެ.

އެމެރިކާގެ ފުލުހުންގެ އިސްވެރިންގެ ތެރޭގައި ކުރިން މަސައްކަތްކުރެއްވި އަދި މިހާރު ރިޓަޔަރ ކުރައްވާފައިވާ ބޭފުޅެއްކަމަށްވާ ޖިމް ބްވިރްމެން ވޮޝިންޓަން ޕޯސްޓަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ ފުލުހުން ބަޑިޖަހައިގެންނާއި އެނޫން ގޮތް ގޮތުން މަރާމީހުންގެ އަދަދު އޮޅުވާލުމަށް އެމެރިކާގެ ފުލުހުންނާއި ސަރުކާރުގެ އެހެން މުއައްސަސާތަކުން މަސައްކަތް ކުރާކަމުގަ އެވެ. އަދި ފުލުހުން ބަޑިޖަހާ ޙާލަތްތައް ކަވަރު ކުރުމުގެ ފުރްސަތު ފުލުހުން އެމެރިކާގެ ގިނަ މީޑިޔާތަކަށް ނުދޭކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

އެމެރިކާ ފުލުހުންގެ ރަސްމީ ރިޕޯޓްތަކާއި ތަފާސްހިސާބުތައް ބުނާގޮތުން ވެސް 2008 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު އެމެރިކާ ސިފައިންގެ ޙަމަލާތަކުގައި 400 މީހުން މަރާލެވެ އެވެ. އަދި އެތައް ހާސްބަޔަކު ޒަޚަމްކޮށްލެވެ އެވެ. މީގެ ތެރޭގައި ފުލުހުންގެ ބެރިކޭޑްތައް ފޫއަޅުވާލާމީހުން ގިނަ އަދަދަކަށް ހިމެނެ އެވެ. ނަމަވެސް މީގެތެރެއިން ގިނަމީހުންގެ ގަޔަށް ބަޑިޖަހައި މަރާލާފައިވަނީ އެމީހުންގެ ސަބަބުން ފުލުހުންނަށް ނުރައްކާވާ ހާލަތްތައް މެދުވެރިވެގެން ކަމަށް އެމެރިކާ ފުލުހުންގެ ރަސްމީ ރިޕޯޓްތައް ބުނެ އެވެ.

އެމެރިކާ ފުލުހުންގެ ރިޕޯޓްތަކުންވެސް ފުލުހުންގެ ޙަމަލާތަކުގައި ގިނައިން މަރުވެފައި ވަނީ ވެސް އަދި ޒަޚަމްވެފައި ވަނީ ވެސް އެގައުމުގެ ކަޅުނަސްލުގެ މީހުންނާއި ދޮން ނޫން ނަސްލުތަކުގެ މީހުންކަން ހާމަވެއެވެ. އެމެރިކާއަކީޑިމޮކްރެޓިކް ގައުމެއް ނަމަވެސް ގާނޫނު ނެގެހެއްޓުމަށްޓަކައި ބަޑިޖަހަންޖެހޭ ހާލަތްތަކުގައި ބަޑިޖަހައި މީހުން މަރާކަމަށް އެއީ ކުރަންޖެހޭ ޙާލަތްތަކުގައި ކުރަން ޖެހޭ ކަމެއްކަމަށް އެމެރިކާ ސަރުކާރުން އިޢްތިރާފްވެ އެވެ. އަދި ގާނޫނު ނަގަހައްޓައިގެން ނޫނީ ޑިމޮކްރަސީ ވެސް ޕްރެކްޓިސް ނުކުރެވޭނެ ކަމާއި ގާނޫނު ނެގެހެއްޓުމަށް ޓަކައި ބާރުގެ ބޭނުންކުރުމަކީ ޑިމޮކްރަސީއާ ފުށުއެރުން ނޫންކަމަށް އެމެރިކާ ސަރުކާރުން ފާޅުގައި ބުނަމުން ގެންދެއެވެ.

ގާނޫނު ނަގަހައްޓައި ދެމެހެއްޓުމަށްޓަކައި ފުލުހުންގެ މުއައްސަސާތައް ހިމެނޭގޮތަށް އެމެރިކާ ގެ ދައުލަތުގެ އޮނިގަނޑުގައި 17 ހާސް އެޖެންސީ (އިދާރާ) މަސައްކަތް ކުރެއެވެ. މިހުރިހާ މުއައްސަސާއަކުންވެސް ގާނޫނު ނަގަހައްޓައި ދެމެހެއްޓުމަށް ބާރުގެ ބޭނުންކުރަންޖެހޭ ހާލަތްތަކުގައި އެކަން ކުރުމަށް ހިއްވަރުދީ އެކަމަށް ބާރުވެސް އަޅައެވެ. ޑިމޮކްރަސީއާއި އިންސާނީ ހައްގުތަށް އޮންނަނީ އެއަށްވުރެ ފަހަތުގައެވެ.

އެމެރިކާގެ ފެޑްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފް.ބީ.އައި) ގެ ދަފްތަރުތައް ބުނާގޮތުންވެސް ކޮންމެ އަހަރެއްގައި އެވްރެޖްކޮށް އެމެރިކާ ފުލުހުންގެ އަތްދަށުން 400 މީހުން މަރުވެއެވެ. މިއީ ދުވާލެއްގެ މައްޗަށް 1.1 މީހުން ގަތްލުކުރުމެވެ. ނަމަވެސް މިއީ ފުލުހުންގެ އަނިޔާވެރިކަން ކަމަށް އެމެރިކާގައި ނުބަލައެވެ. އަދި މިކަން ސިފަކުރަނީވެސް ގާނޫނު ނަގަހައްޓައި ދެމެހެއްޓުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައެވެ. މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން މިހާތަނަށް އެމެރިކާގެ ފުލުހުން އެގައުމުގެ ރައްޔިތުންގެ ތެރެއިން 285 މީހުން މަރާފައިވާއިރު މިސްޕީޑްގައި އެމެރިކާގެ ފުލުހުން އެގައުމުގެ ރައްޔިތުން މަރަމުން ގެންދާނަމަ މިއަހަރުގެ ނިޔަލަށް އެމެރިކާގެ ފުލުހުން ދެހާސްމީހުން މަރާލާނެ ކަމަށް ވޮޝިންޓަން ޕޯސްޓްގެ ރިޕޯޓްގައި އަންދާޒާ ކޮށްފައިވެ އެވެ.

އެމެރިކާއަކީ އިންސާނީ ހައްގުތަކާއި ޑިމޮކްރަސީގެ ނަމުގައި އެހެން ގައުމުތަކަށް އެންމެ ގިނަ ފިލާވަޅުދީ އެގައުމުތަކަށް ބިރުދައްކަމުން ގެންދާ ގައުމެވެ. އަދި އިންސާނީ ހައްގުތަކާއި ޑިމޮކްރަސީގެ ޗެންޕިޔަން ކަމަށްވެސް އެންމެ ބޮޑަށް ދައުވާ ކުރާގައުމެވެ. ނަމަވެސް އެމެރިކާގެ ޝަރުޢީ ދާއިރާގެ ޙާލަތުވެސް މިއަށްވުރެ ވަކި ސަހަލެއްނޫނެވެ. އެމެރިކާގެ ޝަރުޢީ ދާއިރާއަށް ބާރާއި ނުފޫޒު ފޯރުވަނީ މުއްސަނދި ބިޔަ ކުންފުނިތަކާއި އެކިއެކި ލޮބީ ގްރޫޕްތަކުންނެވެ. އެހެންކަމުން އެމެރިކާގެ ކޯޓްތަކުން ކުށްވެރިވެގެން މެރުމަށް ހުކުމްކުރެވޭމީހުން އޭގެ އެތަށް އަހަރެއްފަހުން ކުށެއްނެތް މީހުންކަމަށް ސާބިތުވަނީ މަދުފަހަރަކުނޫނެވެ. އަދި ޖަލުތަކުގައި އަނިޔާކުރުމަކީ ވެސް އެމެރިކާގައި އާންމުކަމެއްކަމަށް ރިޕޯޓްތަކުން ވަރަށް ބޮޑަށް ހާމަވެ އެވެ.

އެމެރިކާގެ ކަޅުނަސްލުގެ ރައްޔިތުންގެ މަދަނީ އަދި އިންސާނީ ހައްގުތަކަށް ގޮވާލައްވައި އެމެރިކާގެ ކަޅުނަސްލުގެ ޒައީމް މާޓިންލޫޘަރ ކިންގް ދެއްވި މަޝްހޫރު ޚިތާބަށް 52 އަހަރު ދެއްވި ފަހުންވެސް އެމެރިކާގެ ފުލުހުންގެ އަނިޔާވެރިކަމަށް މާބޮޑުބަދަލެއް އައިސްފައިނުވެ އެވެ. އަދި ކަޅުނަސްލުގެ މީހުންނާ މެދު އެމެރިކާގެ މުޖްތަމައުގައި ގެންގުޅޭ ތަފާތުކަން އަދިވެސް އެބައޮތެވެ.