އެމެރިކާގެ ސަލާމަތީ ބާރުތަކަށް ފޯނުކޯލްތަކާއި އިންޓަނެޓް ޑާޓާ އެއްފަހަރާ ގިނަ އަދަދަކަށް އެއްކުރުމަށް ބާރުލިބިދޭ ގާނޫނު، މިއަދު ޖީއެމްޓީ ގަޑިން 4:00 (ރާއްޖޭ ގަޑިން ހެނދުނު 9:00) އާ ހަމައަށް މުއްދަދު ހަމަވާނެ އެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި މި ހަފްތާގައި އެންމެ ގަދައަށް ބަހުސްކުރެވުނު އެ ގައުމުގެ "ފްރީޑަމް އެކްޓް"ގައި ހިމެނޭ، ސަލާމަތީ ބާރުތަކަށް ލިބިދީފައިވާ މުވާސަލާތީ ޚިދުމަތްތަކުން ޖާސޫސްކުރުމުގެ ބާރުލިބިދޭ ތިން ބިލެއް ފާސް ނުވުމުގެ ސަބަބުން އެގައުމުގެ ސަލާމަތީ މުއައްސަސާތަކަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭނެ އެވެ.

ޖޫން އެކެއްގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާ ތަސްދީގުކުރުމަށް ހަމަޖެހިފައިވާ، އެގައުމުގެ މިނިވަންކަމާ ބެހޭ ގާނޫނަށް އެންމެ ފަހުން ހުށަހެޅިފައިވާ އިސްލާހުތަކުގެ ތެރޭގައި، އެޑްވަޑް ސްނޯޑަން ލީކުކޮށްލި، 2013 ވަނަ އަހަރުން ފެށިގެން ނޭޝަނަލް ސެކިއުރިޓީ އޭޖެންސީ (އެންއެސްއޭ)އަށް ބަލްކުކޮށް ފޯން ކޯލްތަކުގެ މައުލޫމާތާއި އިންޓަނެޓް ޑާޓާތަށް އެއްކުރުމުގެ ބާރާއި ފޯން ޓެޕްކުރުމުގެ ބާރު 2019 ވަނަ އަހަރުގެ ނިޔަލަށް އިތުރުކުރުމަށް ހުށަހަޅާފައިވެ އެވެ.

ގާނޫނު ހަދާ މަޖިލީހުގައި އެ ބިލާ އެއްކޮޅަށް ވާހަދެއްކެވި ބޭފުޅުން ވިދާޅުވީ، 9/11ގެ ޓެރަރިސްޓް ހާދިސާއާއި، ޔޫއެސްއެސް ކޯލްއަށް ދިން ހަމަލާފަދަ ނުރައްކާތެރި ހަމަލާތަކަކީ، މިފަދަ ގާނޫނީ ބާރުތަކެއް ސަލާމަތީ ފަރާތްތަކަށް އޭރު ދެވިފައި އޮތް ނަމަ ހިނގުން ނާދިރު ހާދިސާތައް ކަމަށެވެ.

ބިލާ ދެކޮޅަށް ވޯޓުދެއްވި ފަރާތްތަކުން ވަނީ، ސަލަމަތީ ބޭނުންތަކަށް ޓަކައި، އަމިއްލަ މިނިވަންކަން ނިގުޅައިގަނެވޭ ގޮތަށް ގާނޫނުތައް ހަދަނީ ކީއްކުރަންތޯ ވިދާޅުވެ ސުވާލުއުފައްދަވައިފަ އެވެ.

ބިލްތައް ފާސް ނުވުމާ ގުޅިގެން ވައިޓްހައުސް އިން ބުނެފައި ވަނީ، މިއީ ސެނެޓުން އެޅި "ޒިންމާދާރުކަމެއް ނެތް ފިޔަވަޅެއް" ކަމަށެވެ. މިފަދަ ކަންކަމަކީ ގައުމީ ސަލާމަތާ ގުޅިފައިވާ ކަންކަމަށްވާ އިރު، ސިޔާސީ ބޭފުޅުންގެ ވަކިވަކި އެޖެންޑާތައް އެއްފަރާތް ކުރައްވައި، ސަލާމަތީ ކަންކަން އޮމާންކަމާ އެކު ގެންދެވޭނޭ މަގުތައް ތަނަވަސްކޮށްދޭން ޖެހޭނޭ ކަމަށް އެމެރިކާގެ ރިޔާސީ ގަނޑުވަރުން ނެރުނު ބަޔާނެއްގައިވެ އެވެ.

ބިލް ފާސްނުވުމުގެ ސަބަބުން، ތުހުމަތުކުރެވޭ ފަރާތްތަކުގެ ފޯނުކޯލްތައް އަޑުއެހުމާ އެފަދަ ޑާޓާތައް އެއްކުރުމުގެ ބާރު ވަގުތީ ގޮތުން އެންއެސްއޭއަށް ގެންލިގެން ގޮސްފައިވާތީ އެ އިދާރާއިން ވަނީ އެފަދަ ގިނަ ޕްރޮގްރާމްތައް ހުއްޓާލައިފަ އެވެ.