ތަފާތު އެކި ދުވަސްމަތިން 14 އަހަރުގެ އަންހެންކުއްޖަކާ ގަދަކަމުން ބަދުއަޚްލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ފަސް މީހަކު އައްޑޫ ސިޓީން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މީހުން ހައްޔަރުކޮށްފައި ވަނީ މިދިޔަ މެއި މަހުގެ 26 ވަނަ ދުވަހު އައްޑޫ ސިޓީ ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުން އެ ސިޓީގެ ގަން ޕޮލިސް ސްޓޭޝަނަށް ހުށަހެޅި މައްސަލައަކާއި ގުޅިގެން ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ 81 އަހަރުގެ ފިރިހެނަކާއި 77 އަހަރުގެ ފިރިހެނަކާއި 56 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ ފިރިހެނެއްގެ އިތުރުން 18 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

އެ އެންމެންގެ ބަންދަށް 15 ދުވަސް ފޭދޫ ކޯޓުން ޖަހާދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި 14 އަހަރުގެ އަންހެން ކުއްޖާގެ އާއިލާގެ މެމްބަރަކު ވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.