ދުންފަތުގެ އިސްތިއުމާލުކުރުމުގެ ގެއްލުމުން ޒުވާނުން ސަލާމަތް ކުރުމަށް ވަރުގަދަ ސޯޝަލް މީޑިއާ ކެމްޕޭނެއް ފަށައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީއާއި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް މަސައްކަތް ކުރާ ޒުވާނުންތަކެއް ގުޅިގެން ކުރިއަށް ގެންދާ އެ ކެމްޕޭން ފެށީ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް ނެޝަނަލް އާޓް ގެލެރީގައި މިރޭ ބޭއްވި ހަފުލާއެއްގައެވެ.

"ބޭނުމީ ދިރިއުޅުން" މި ނަމުގައި ކުރިއަށް ގެންދާ ކެމްޕޭން ފަށްޓަވައި ދެއްވީ ހަފުލާގެ ޝަރަފްވެރި މެހުމާން، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދެވެ.

ކެމްޕޭން ފަށްޓަވައި ދެއްވުމުގެ ގޮތުން މިނިސްޓަރު ސަޢީދު ވަނީ "ބޭނުމީ ދިރިއުޅުން" މި ޝިއާރު ލިޔެފައިވާ ފްރޭމަކާ އެކު ސެލްފީއެއް ނަންގަވައި ޓްވިޓާއާއި ފޭސްބުކްގައި އެކަމަށް ހާއްސަކޮށް ކުރިއަށް ހަދާފައިވާ ފޯރަމްގައި ޕޯސްޓްކުރައްވާފައެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ ހަފުލާ.
"ބޭނުމީ ދިރިއުޅުން" ފޯރަމްގައި ގިނަ ޒުވާނުންތަކެއް އަންނަނީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ގެއްލުންތަކާއި ބެހޭ މެސެޖްތައް ޕޯސްޓްކުރަމުންނެވެ.

ކެމްޕޭން ފަށްޓަވައި ދެއްވުމަށް ފަހު މިނިސްޓަރު ސަޢީދު ވިދާޅުވީ، ރާއްޖޭގެ ޒުވާން އާބާދީގެ ސިއްޙަތު ސަލާމަތްކޮށް، އުފެއްދުންތެރި އާބާދީއަކަށް ހެދިއްޖެ ނަމަ އެ ލިބުނީ ބޮޑު ނަސީބެއް ކަމަށެވެ.

"...މިއަދު އަޅުގަނޑުމެންނަށް މިހިންގޭ ކެމްޕޭނަކީ، ހަގީގަތުގައި ނުސީދާ ގޮތުގައި ވެސް އަދި ސީދާ ގޮތެއްގައި ވެސް މިފަދަ ޒުވާން އާބާދީއެއް ތަރުބިއްޔަތުކޮށް، ޒުވާން އާބާދީގެ ބޭނުން އިގުތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ހިފުމަށް ޓަކައި ކޮންމެހެން މުހިއްމުކަމެއް ކަމުގައި އަޅުގަނޑު ދެކެން،" ސަޢީދު ވިދާޅުވިއެވެ.