01 Mar 2011, 10:02
އޭވިއޭޝަން ސެކިއުރިޓީ އިންސްޕެކްޝަންތަކަކާ ގުޅިގެން މާލޭ އެއާޕޯޓުން މިއަދު ހެނދުނު ފުރަން ތައްޔާރުވެފައި ހުރި ފުލައިޓްތައް 40 މިނިޓަށް ޑިލޭ ވެއްޖެ އެވެ.
މާލޭ އިންޓަނޭޝަނަލް އެއާޕޯޓް އޮޕަރޭޓްކުރާ ޖީއެމްއާރުގެ ޕީއާރު ފާމުގެ ފަރާތުން މުހަންމަދު އިބްރާހިމް މިއަދު ވިދާޅުވީ އޭވިއޭޝަން ސެކިއުރިޓީ ޗެކްތަކެއް ފަށައިގެން އުޅޭތީ އެއާޕޯޓް އޮޕަރޭޝަނަށް ވަރަށް ބޮޑު ބުރުލެއް އަރާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ސެކިއުރިޓީ އިންސްޕެކްޝަންތަކެއް ކުރިއަށް ދަނީ ކުރިން އެންގުމަކާ ނުލައި ކުއްލި ގޮތަކަށް ކަމަށެވެ.
"އެއާޕޯޓް ސެކިއުރިޓީން ޖީއެމްއާރަކަށް ވެސް ނާންގަވައި ސެކިއުރިޓީ އިންސްޕެކްޝަންތަކެއް ކުރިއަށް ގެންދާ ވާހަކައެއް. އެއާލައިންތަކަށް ވެސް އެބޭފުޅުން ނާންގަވާ. އެއާޕޯޓް އޮޕަރޭޝަން ހަމަ ދަންނަވާނީ މިއޮތީ މިއަދު ވަރަށް ބޮޑަށް ކޮލެޕްސް ވެފައޭ،" މުހަންމަދު އިބްރާހިމް ވިދާޅުވި އެވެ.
އެއަޕޯޓް ސެކިއުރިޓީގެ ކަންތައްތައް ބަލަހައްޓަމުން އަންނަ ގައުމީ ދިފާއީ ބާރުން މިއަދު ބުނީ އެބޭފުޅުން ބަލަހައްޓަވަމުން ގެންދަވަނީ އެއާޕޯޓްގެ ވަކި ދާއިރާތަކެއްގެ ސެކިއުރިޓީ ކަމަށާއި އެއާޕޯޓް އޮޕަރޭޝަންތަކަށް ބުރޫ އެރުމުގައި އެބޭފުޅުންގެ ދައުރެއް ނެތް ކަމަށެވެ.