ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުންފަތުގެ ދުމުގެ ސަބަބުން ނުސީދާ ގޮތުން ލިބޭ ގެއްލުންތަކުން ޒުވާނުންނާއި ޅަކުދީން ސަލާމަތް ކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަ ކުރުމަށް ނެޝަނަލް އާޓްގެލެރީގައި މިރޭ ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކުޑަކުދީންނާއި ފުރާވަރުގެ ކުދީން ދުންފަތުގެ ދުމަށް ހުށަހެޅޭ މިންވަރަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.

"...ދުންފަތުގެ އިސްތިއުމާލުކުރުމުންނާއި ދުންފަތުގެ ނުސީދާ ދުމަށް ހުށަހެޅުމުގެ ސަބަބުން ލިބޭ ގެއްލުންތަކުން މިއަދުގެ ޒުވާނުންނާއި ކުރިމަގުގެ ޒުވާނުން، އާދެ މިއަދުގެ ޅަކުދިން ރައްކާތެރި ކުރަން ވެސް އަވަސް ފިޔަވަޅުތަކެއް އެބަ އަޅަން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ކުޑަކުދިން ގޮވައިގެން އުޅެމުން ކުދިންގެ ބެލެނިވެރިން ދުންފަތުގެ އިސްތިއުމާލު ކުރާތަން ފެންނަކަމަށާއި އެއީ ވަރަށް ހިތާމަވެރި ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މާބަނޑު މީހުން ވެސް ދުންފަތުގެ އިސްތިއުމާލު ކުރާ ކަމީ ވަރަށް ހިތާމަ ހުރި ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ ހަފުލާގެ ތެރެއިން -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

"...އެކުދިންނަށް ދުންފަތުގެ ދުމުން ރައްކާތެރިވެފައިވާ ސާފު މާހައުލެއް ލިބުމަކީ ކޮންމެ ކުއްޖެއްގެ ވެސް ހައްގެއް،" އިރުތިޝާމް ވިދާޅުވިއެވެ.

ކުދިންނަށް ރަނގަޅު އާދަތައް ދަސްކޮށްދީ، ކުދިންނަށް ގެއްލުންވާ ކޮންމެ ކަމަކުން ދުރުހެލި ކުރުމަކީ މައިންބަފައިންނާއި ބެލެނިވެރިންގެ މަސްއޫލިއްޔަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމާ މީހުން ދުރުކުރުމަށް ހިންގާ ސޯޝަލްމީޑިއާ ކެމްޕޭނެއް ފެށުން ވެސް މިރޭގެ ހަފުލާގައި އޮތެވެ. އެ ކެމްޕޭން "ބޭނުމީ ދިރިއުޅުން" ރަސްމީކޮށް ފަށްޓަވައި ދެއްވީ ހަފުލާގެ ޝަރަފްވެރި މެހްމާނު، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދެވެ.

ދުންފަތާއި ޒުވާނުން ދުރުކުރުމުގެ ކެމްޕޭން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ފަށްޓަވައި ދެއްވަނީ. ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ކެމްޕޭން ފަށްޓަވައި ދެއްވުމަށް ފަހު މިނިސްޓަރު ސަޢީދު ވިދާޅުވީ، ރާއްޖޭގެ ޒުވާން އާބާދީގެ ސިއްޙަތު ސަލާމަތްކޮށް، އުފެއްދުންތެރި އާބާދީއަކަށް ހެދިއްޖެ ނަމަ އެ ލިބުނީ ބޮޑު ނަސީބެއް ކަމަށެވެ.

"...މިއަދު އަޅުގަނޑުމެންނަށް މިހިންގޭ ކެމްޕޭނަކީ، ހަގީގަތުގައި ނުސީދާ ގޮތުގައި ވެސް އަދި ސީދާ ގޮތެއްގައި ވެސް މިފަދަ ޒުވާން އާބާދީއެއް ތަރުބިއްޔަތުކޮށް، ޒުވާން އާބާދީގެ ބޭނުން އިގުތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ހިފުމަށް ޓަކައި ކޮންމެހެން މުހިއްމުކަމެއް ކަމުގައި އަޅުގަނޑު ދެކެން،" ސަޢީދު ވިދާޅުވިއެވެ.