ސައްހަ ލިޔެކިޔުމެއް ނެތި ރާއްޖޭގައި މަސައްކަތްކުރަމުން ގެންދިޔަ 24 ބިދޭސީއަކު ދަތުރުވެރީންގެ މާރުކޭޓް ހެދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދަނިކޮށް ހައްޔަރުކޮށްފިއެވެ.

ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން މިއަދު ބުނީ، އެ 24 މީހުން ހައްޔަރުކޮށްފައި ވަނީ، އެ ޑިޕާޓްމަންޓު ކުރިއަށް ގެންދިޔަ ރޫޓިން އިންސްޕެކްޝަނެއްގައި އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ ބިދޭސީން ބަލައި ފާސްކުރުމުގެ ތެރޭގައި ދަތުރުވެރީންގެ މާރުކޭޓު ހެދުމުގެ މަސައްކަތުގައި މަޝްޣޫލުވެގެން އުޅެނިކޮށް ކަމަށެވެ.

އިމިގްރޭޝަންގެ ގާނޫނާ ހިލާފަށް އުޅުނު 2000 އަށްވުރެ ގިނަ ބިދޭސީން މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ފުރުވާލެވިފައިވާ އިރު، މިއަދު ހައްޔަރުކުރި 24 މީހުންގެ މައްސަލަ ބެލުމަށްފަހު، އެމީހުންނާ މަސައްކަތް ހަވާލުކުރި ފަރާތްތަކާމެދުވެސް ގާނޫނުގައިވާ ގޮތުގެމަތީން ފިޔަވަޅު އަޅާނޭ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އަދި އެ ޑިޕާޓްމަންޓުން ކުރަމުން ގެންދާ މަސައްކަތްތަކަށް އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށްވެސް އެ ޑިޕާޓްމަންޓުން ބުންޏެވެ.

ދަތުރުވެރީންގެ މާރުކޭޓު ހެދުމުގެ މަސައްކަތުގައި ގަވައިދާ ހިލާފަށް އުޅެމުންދިޔަ 24 ބިދޭސީއަކު އިމިގްރޭޝަނުން މިއަދު ވަނީ ހައްޔަރުކޮށްފައި-- ފޮޓޯ: އިމިގްރޭޝަން

"ސައްހަ ލިޔެކިޔުމެއް ނެތި ރާއްޖޭގައި އުޅޭ ބިދޭސީން މަދުކުރުމަށް އިމިގްރޭޝަނުން ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން، އެފަދަ ފަރާތްތައް ލައްވައި މަސައްކަތް ނުކުރުވުމަށް ތަކުރާރުކޮށް ހަނދާންކޮށްދެމެވެ. އަދި މިފަދަ ފަރާތްތައް ލައްވައި މަސައްކަތް ކުރުވާ ފަރާތްތަކާމެދު ވަކިފަރާތެއް ބެލުމެއް ނެތި ފިޔަވަޅު އަޅަމުންދާނޭކަންވެސް ހަދުމަކޮށްދެމެވެ." އިމިގްރޭޝަންގެ ބަޔާނެއްގައި ބުނެފައި ވެއެވެ.

ރާއްޖޭގެ މައިގްރޭޝަން ނިޒާމް ހަރުދަނާކުރުމާއި ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން މަދުކޮށް، ވަޒީފާ އަދާކުރާ ބިދޭސީންނާއި އެފަރާތްތަކަށް ވަޒީފާދޭ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރުމުގެ ގޮތުން ތަފާތު ޕްރޮގްރާމްތައް ހިންގުމަށް މަސައްކަތްކުރަމުންދާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އެގޮތުން ބިދޭސީންނަށް އަމާޒުކޮށްގެން ހެލްތު އިންޝުއަރެންސް ސްކީމެއް މިހާރުވެސް ތައާރަފްކުރެވިފައިވާ އިރު، މާދަމާވެސް އެފަދަ ހާއްސަ ޕްރޮގްރާމެއް ތައާރަފްކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ޑިޕާޓްމަންޓުން ބުންޏެވެ.