އެމްޓީސީސީގެ ހިއްސާއަކަށް 20 ރުފިޔާ ބަހަން މިހާރު ހޮޓެލްޖެންގައި ކުރިއަށްދާ އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާއިން ނިންމައިފި އެވެ.

އެމްޓީސީސީއަށް ވަނީ ފާއިތުވި އަހަރު ރިކޯޑް މިންވަރަކަށް ފައިދާވެފައެވެ. އެގޮތުން ސާފު ފައިދާގެ ގޮތުގައި އެމްޓީސީސީއަށް އެ އަހަރު 81.6 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ހިއްސާގެ ފައިދާއަށް ބަހާނެ މިންވަރު ކަނޑައެޅުމުގެ އިތުރުން މި ޖަލްސާގައި ބޯނަސް ހިއްސާ ބަހަން ވެސް ކަނޑައަޅާނެއެވެ.

އެމްޓީސީސީގެ ހިއްސާގެ ފައިދާގެ ގޮތުގައި 2013 ވަނަ އަހަރު ބަހާފާ ވަނީ ހިއްސާއަކަށް 16 ރުފިޔާ އެވެ.

މިރޭގެ ޖަލްސާގައި ވަނީ، އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑަށް މެންބަރުން ހޮވައިފައެވެ. އެގޮތުން ހޮވި ދެ މެންބަރުންގެ ތެރޭގައި ހިމެނެނީ، އަހްމަދު އަބޫބަކުރާއި ނަސްރަތު މުހައްމަދެވެ. އަހްމަދު އަބޫބަކުރަށް 1392 ވޯޓު ލިބިވަޑައިގެންނެވި އިރު، ނަސްރަތު މުހައްމަދަށް 1460 ވޯޓް ލިބިވަޑައިގަތެވެ.

މި ޖަލްސާގައި ކުންފުނީގެ އަހަރީ ހިސާބާއި ޑިރެކްޓަރުންގެ ރިޕޯޓް ވެސް ވަނީ ފާސްކޮށްފައެވެ.