ޤާހިރާ : މަޤާމުން ދުރުކުރެވިފައިވާ މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކާއި އޭނާގެ ޢައިލާ މިސްރުން ބޭރަށް ފުރުން މަނާކުރުމުގެ އަމުރެއް މިސްރުގެ ބަންޑާރަނައިބު ޢަބްދުލްމަޖީދު މަހްމޫދު ނެރުއްވައިފިއެވެ.

މިއަމުރުގައި މުބާރަކާއި އޭނާގެ ޢާއިލާގެ މެންބަރުން މިސްރުން ބޭރަށް ފުރުމަކީ މަނާކަމެއް ކަމަށް ބުނެއަންގާފައިވެއެވެ. އަދި މުބާރަކާއި އޭނާގެ ޢާއިލާގެ މެންބަރުންގެ ފައިސާއާއި ހަރުމުދަލާއި އެނޫންމުދާތައްވެސް ދައުލަތުން ހިފަހައްޓައިފިކަން ވެސް މިއަމުރުގައި ބަޔާން ކޮށްފައިވެއެވެ.

މިއަމުރުގައި މިސްރުން ބޭރަށް ފުރުންމަނާކޮށްފައިވާ މުބާރަކާއި އޭނާގެ ޢާއިލާގެ މެންބަރުންގެ ތެރޭގައި މުބާރަކްގެ އަނބިކަނަބަލުން ސޫޒާންއާއި ދެދަރިކަލުންނާއި އެދެބޭފުޅުންގެ ދެއަނބިންނާއި މުބާރަކްގެ ކާފަ ދެދަރިންވެސް ހިމެނެއެވެ.
މިސްރުގެ ބަންޑާރަ ނައިބު މިއަމުރު ނެރުއްވީ މިސްރުގެ ރައްޔިތުންގެ މުދަލާއި ފައިސާއިން ނާޖާއިޒުގޮތުގައި މުބާރަކާއި އޭނާގެ ޢާއިލާ ނަންގަނާފައިވާ ކަމަށް ތުހުމަތު ކުރެވިފައިވާ މައްސަލަތަކެއް ބަލަމުންދާތީ ކަމަށް މިސްރުގެ ބަންޑާރަނައިބުގެ އޮފީހާ ހަވާލާދީ އެޤައުމުގެ ޚަބަރު ފަތުރާ ވަސީލަތްތައް ބުނެއެވެ. -- އަލްޖަޒީރާ