ރާއްޖޭގެ މުއާސަލާތީ އެއް ކުންފުނި އުރީދޫއިން އިންތިޒާމްކޮށްގެން ބޭއްވި ކޯޗިން ކްލިނިކްގައި ފްރާންސްގެ ލީގް ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން ރާއްޖޭގެ 200 ކުދިންނަށް ޓްރޭނިންގ ކޭމްޕެއް ބާއްވައިފި އެވެ.

ހެންވޭރު ދަނޑުގައި ދެ ދުވަހުގެ މުއްދަތަށް ހިންގި މިޓްރޭނިން ކޭމްޕްގައި ބައިވެރިވި ދަރިވަރުންނަށް އިރުޝާދުދީފައިވަނީ ޕީއެސްޖީ ފުޓްބޯޅަ އެކަޑަމީގެ ހެޑް ކޯޗް އިނގިރޭސި ވިލާތުގެ ބެންޖަމިން ސްކޮޓް ހޫރީއާއި ފްރާންސްގެ ފުޓްބޯޅަ ކޯޗެއް ކަމުގައިވާ ޔާނިސް މެމިރީއެވެ.

އުރީދޫއިން ފްރާންސްގެ ޕީއެސްޖީއާއި ގުޅިގެން ހިންގި ކޯޗިން ކްލިނިކްގައި އިރުޝާދު ދިން ޕީއެސްޖީ ފުޓްބޯޅަ އެކަޑަމީގެ ހެޑް ކޯޗް ބެންޖަމިން ސްކޮޓް ހޫރީއާއި ފްރާންސްގެ ފުޓްބޯޅަ ކޯޗެއް ކަމުގައިވާ ޔާނިސް މެމިރީ ޓްރޭނިންގ ކޭމްޕގައި ބައިވެރިވި ކުއްޖަކާއެކު ފޮޓޯއަކަށް ހުއްޓިލައިގެން --- ސަން ފޮޓޯ/ ޢަލީ ނަޞީރު

މިޕްރޮގްރާމްގައި ބައިވެރިކޮށްފައިވަނީ އުމުރުން ހަ އަހަރާއި 16 އަހާރައި ދެމެދު ޢުމުރުފުރާގެ ދަރިވަރުން ކަމަށް އުރީދޫއިން ބުނެއެވެ.

މިޕްރޮގްރާމާ ބެހޭ ގޮތުން އުރީދޫގެ ޗީފް އެގްޒެކެޓިވް އޮފިސަރު ވިކްރަމަ ސިންހަ ވިދާޅުވީ، މިފަދަ ޓްރޭނިންގ ކޭމްޕްތައް މެދުވެރިކޮށް ކުރިމަގުގެ ރާއްޖޭގެ ފުޓްބޯޅަ ތަރިންނަށް އެކުދިންގެ ގާބިލްކަން ހުރިކަން އަންގައިދިނުމަށް އެހިތެރިވެވޭނެ ކަމަށެވެ.

މީގެއިތުރުން ރާއްޖޭގެ ފުޓްބޯޅައިގެ 36 ކޯޗަކަށް ޓްރޭނިންގ ޝެޝަންތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އުރީދޫއިން ފްރާންސްގެ ޕީއެސްޖީއާއި ގުޅިގެން ހިންގި ކޯޗިން ކްލިނިކް ގައި ބައިވެރިވި ބައެއް ކުޑަކުދިންނާއި ކޯޗުން --- ސަން ފޮޓޯ/ ޢަލީ ނަޞީރު

އުރީދޫއިން ބުނީ އަންނަ އަހަރުވެސް މިފަދަ ޕްރޮގްރާމެއް ޕީއެސްޖީއާ ގުޅިގެން ހިންގުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

އިއްޔެ ކޭމްޕް ނިންމުމުގެ ރަސްމިއްޔަތުގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަޙްމަދު އަދީބު ވިދާޅުވީ، އުރީދޫއާއި ގުޅިގެން ދުނިޔޭގެ އެއްމެ މޮޅު އެއް ކުޅުންތެރިޔާ ބާސެލޯނާއަށް ކުޅެމުންދާ އާޖެންޓީނާގެ ލިއޮނަލް މެސީ ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އުރީދޫއިން ފްރާންސްގެ ޕީއެސްޖީއާއި ގުޅިގެން ހިންގި ކޯޗިން ކްލިނިކް ގައި ބައިވެރިވި ފަރާތްތަކާއެކު އުރީދޫގެ އިސްވެރިންނާއި ޓޫރިޒަމް މިނިސްޓަރާއި ސްޕޯޓްސް މިނިސްޓަރާއި އަދި ޕީއެސްޖީގެ ފަރާތްތަކާއެކު ފޮޓޯއަކަށް ހުއްޓިގެން --- ސަން ފޮޓޯ/ ޙުސައިން ޙަބީބު އޯޒޯން

މެސީގެ އިތުރުން ޕިއެސްޖީއަކީވެސް އުރީދޫގެ އެޑްވަޓައިޒިން ޕާޓްނަރުންނެވެ.