ވ. ބޮޑުމޮހޮރާގައި ރިސޯޓް ތަރައްގީކުރުމަށް ދިވެހި ސަރުކާރާއި މެރިން ޓެކްނޮލަޖީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ވެފައިވާ ޖޮއިންޓްވެންޗާ އެގްރީމެންޓްގައި 45 ދުވަސްތެރޭ ސޮއި ކުރުމަށް ޓޫރިޒަމް މިނިސްޓްރީ ހިމެނޭގޮތަށް ދިވެހި ސަރުކާރުގެ މައްޗަށް ސިވިލް ކޯޓުން އަމުރު ކޮށްފި އެވެ.

އެ މައްސަލައިގައި ސިވިލް ކޯޓުން ކޮށްފައިވާ ހުކުމްގައިވާގޮތުން އެ އެއްބަސްވުމުގައި 45 ދުވަސްތެރޭގައި ސަރުކާރުން ސޮއިކުރުމަށާއި މެރިން ޓެކްނޮލަޖީ މޯލްޑިވްސް އާއި ބޮޑުމޮހޮރާ ހަވާލުކުރުމަށް ވެސް ސިވިލް ކޯޓް ހުކުމްގައިވެއެވެ. މި ގޮތަށް ކޯޓުން ހުކުމްކޮށްފައި ވަނީ ސިވިލް ކޯޓުން 2012 ވަނަ އަހަރު އެ އެގްރިމެންޓްގައި ސޮއިކުރުމަށްކޮށްފާވާ ހުކުމަށް ސަރުކާރުން އަމަލުކޮށްފައިނުވި ނަމަވެސް އެ ހުކުމް ތަންފީޒުކުުރުރުމަށް ސަރުކާރުން އިންކާރުކޮށްފައި ނުވާތީ ކަމަށް އެ ހުކުމްގައި ވެއެވެ.

އަދި މެރިން ޓެކްނޮލަޖީ އިން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ އަށް ވ. ބޮޑުމޮހޮރާ އެކުއިޒިޝަން ކޯސްޓްގެ ގޮތުގައި ކޮންވާޝަން ފީގެ 20 ޕަސެންޓް ދައްކާފައިވާ ކަމަށް ވެސް އެ ހުކުމްގައިވެއެވެ.

މެރިން ޓެކްނޮލަޖީ އަކީ އަބްދުﷲ ޖާބިރާއި އޭނާގެ އަނބިކަނބަލުން ދިޔާނާގެ ހިއްސާ އޮންނަ ކުންފުންޏެކެވެ. މި ރަށުގެ މަސައްކަތް ހުއްޓުވުމަށް އެންޓި ކަރަޕްޝަން ކޮމިޝަނުން ވަނީ ސަރުކާރަށް އަންގާފައެވެ. އެހެންނަމަވެސް ސިވިލް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ އޭސީސީން އެންގި އެންގުމަކީ ރިކަމެންޑޭޓަރީ ތަބީއަތުގެ ފިޔަވަޅެއް ކަަމަށާއި އަދި އެ ކަަމަށް އަމަލުކުރުމަކީ ލާޒިމްކަމެއް ނޫންކަމަށެވެ.